ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ފުލުހަށް ދެއްވައިފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި އެމަނިކުފާނެ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރު "ވީނިއުސް" އަށް ވިދާޅުވީ، ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ބަޔާން ލިޔުމުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަމަލާއާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާކަމަށް ފުލުހުން މީޑިޔާގައި ހާމަކޮށްފައިވަނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. ތަހުގީގަށް ރައީސް ނަޝީދުގެ ޔާނެއް ބޭނުންވަނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތައް އިތުރަށް ޔަގީންކުރަން ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.

ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާކަމަށް ފުލުހުން ބުނުމާ ގުޅިގެން ރައީސް ނަޝީދު އޭރު ވިދާޅުވެފައިވަނީ ބަޔާނެއްގެ ގޮތުގައި ދައްކަން އޮތީ އަމިއްލަފުޅު ޖާނު ކަމަށެވެ. އެގޮތުން، މަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމަލާއިން ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، އެމަނިކުފާނު އެކަމަށް އޭރު އިއުތިރާޒް ކުރެއްވި ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ބަޔާންދެއްވުމަށް ރައީސް ނަޝީދު ތައްޔާރަށް ހުންނެވި ކަމަށާއި، ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ގުޅިގެން ފުލުހުންވަނީ 10 މީހަކު ޙައްޔަރުކޮށް، ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.

އެއީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި، މއ. ފޭރުގެ މުޖާޒު އަހުމަދާއި، ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާ, އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގެވެ.

މި މައްސަލާގައި އެންމެ ފަހުން ދައުވާ އުފުލާފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

މީގެތެރެއިން ހަތަރު މީހެއްގެ ޝަރީއަތުގެ އަޑުއެހުން ފަށާފައިވާއިރު، ހަމަލާގައި އަމަލީގޮތުން ބައިވެރިވެ ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.