ދިވެހިރާއްޖޭގައި މިވަގުތު ގާނޫނުއަސާސީގައި ވާގޮތުން ޚާރިޖީ ވަޒީރަކު ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ އެޑްވައިޒަރ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ފާޑުވިދާޅުވެ، ގާނޫނީ ވަކީލް އަދި އެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމުގައިވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނީ ޚާރިޖީ ވަޒީރެއް މިހާރު ރާއްޖޭގައި ނުހުންނާނެ ކަމަށާއި ހާރިޖީ ވަޒީރުގެ ނަމުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ އަބްދުﷲ ޝާހިދު މުސާރަ ނަންގަވަނީ ލަދެއް ނެތުމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން "ވީނިއުސް" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، ވަޒީރުކަމުގައި ހުންނަވާ ބޭފުޅަކަށް ދެ މަގާމު އަދާ ނުކުރެވޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެޓާނީ ޖެނެރަލް އަށް ހައްގު ބަސް ވިދާޅުވެވެން ޖެހޭނެ ކަމަށެވެ.

އަދި، ގާނޫނާ ޚިލާފަށް ކަންކަން ކުރެވެމުން ދާއިރު، އެފަދަ ކަންކަން ހުއްޓުވުމަކީ އޭޖީގެ ޒިންމާއެއް ކަމަށާއި، އެކަމާ ގުޅިގެން އޭޖީން މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވީ، މިފަދަ ގާނޫނެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންގެ ފައިސާ ބޭކާރުވެ ދިޔަ ނުދިނުން ކަމަށާއި، ނަމަވެސް ރާއްޖެއާއި މާ ދުރުގައި ހުންނަވައިގެން މިނިސްޓަރ ޝާހިދު ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވަމުން ގެންދަވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ހަގީގަތުގައި މިފަދަ ގާނޫނެއް ހެދުނީވެސް މިކަހަލަ ކަންކަން ހުއްޓުވުމަށްޓަކައި. ރައްޔިތުންގެ ފައިސާ ދެއްތީ މީ. ވަޒީރު ކަމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންނަށް ޖަވާބު ދާރީ ވެވެން ޖެހޭނެ. ނަމަވެސް މިނިސްޓަރ ޝާހިދު އެ ހުންނެވީ ރާއްޖެއާ މާދުރުގަ. ކޮން ދުވަހެއްތޯ މިހާރު. ދައުލަތުން ބޮޑު މުސާރަ ނަންގަވައިގެން ބޭރު ގައުމެއްގަ އެހެން މަގާމެއް އަދާކުރައްވަމުން އެ ގެންދަވަނީ.
ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

މީގެއިތުރުން، އޭޖީއަށް އެކަމާ މެދު ބަސް ވިދާޅުނުވެވެނީ ވަޒީފާގެ ބިރަށް ކަމަށްވެސް ޑރ. ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފޮރިން މިނިސްޓްރީ ހިންގެވުމުގެ ޒިންމާތައް ވެސް އަދާ ކުރައްވަނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެންނެވެ.

ޑރ. ޖަމީލްގެ އިތުރުންވެސް، ގާނޫނީ ގޮތުން ތަޖުރިބާކާރު ގިނަ ބޭފުޅުން ވަނީ މިނިސްޓަރ ޝާހިދުގެ ވަޒީރުކަން ސައްހަ ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅުން ވެސް މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެބިނެޓުގެ މިނިސްޓަރަކު މަގާމުގައި ދެމިހުންނެވުމަށް ދުސްތޫރީ ހުރަހެއް ކުރިމަތިވާނަމަ އެ މިނިސްޓަރަކު ވަކިކުރައްވައި މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއްކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވީނަމަވެސް، ސަރުކާރުން މިކަމާމެދު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.