އޭޝިއާގެ ޝަރަފުވެރި އެވޯޑެއް ކަމަށްވާ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021"ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް އެވޯޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފިއެވެ.

މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އޭޝިޔާ ބައްރުގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް ހަސަން މުޣުނީއަށް ލިބިވަޑައިގެންފައިވާއިރު، މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައި ވަނީ ފާއިތުވެދިޔަ 3 އަހަރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އެކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުންފުނި ކުރިއަރައިގެންގޮސްފައިވާ ސްޕީޑާއި ގުޅިގެންނެވެ.

މުޣުނީގެ މޭސްތިރިކަމުގެ ދަށުން 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން"ގެ އެވޯޑުވެސް ސްޓެލްކޯއަށް ވަނީ ލިބިފައެވެ.

މީގެއިތުރުން ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީ.އެމް.ޑީ.އޭއިން ދޭ "ސީޖީ އެފޯޓްސް އެވޯޑް"ވެސް ވަނީ ސްޓެލްކޯއަށް ލިބިފައެވެ.

އޭޝިއާސް މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑްގެ އިތުރުން މީގެކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައެވެ.