ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން މަހަކު އެއްފަހަރު ނެރޭ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގައި އަވަށްޓެރި އިންޑިއާ އަށް ދެދަރަޖައިގެ ކުރިއެރުމެއް ލިބުނުއިރު، ރާއްޖެ އެއް ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ބޮޑު ބަޖެޓަކާއެކު ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިންޑިއާ އަށް އޮކްޓޯބަރު މަހު ރޭންކިންގައި ލިބިފައިވަނީ 106 ވަނަ އެވެ. ފީފާ އިން ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އައު ރޭންކިންގ އިއުލާނުކުރިއިރު ދެ ދަރަޖައިގެ ކުރިއެރުމެއްލިބި އިންޑިއާ ވަނީ 104 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.

އެހެންނަމަވެސް މިއީ އިންޑިއާ އަށް ރޭންކިންގައި އެންމެ މަތިން ލިބުނު ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރު ރޭންކިންގައި އެގައުމަށް ވަނީ 97 ވަނަވެސް ލިބިފައެވެ. ޖެހިގެން އައި 2019 ވަނަ އަހަރު 11 ދަރަޖައިގެ ވެއްޓުމަކާއެކު 108 ވަނަ ލިބުނުއިރު 2020 ވަނަ އަހަރު 104 ވަނަ އަށް ވަނީ ކުރިއަށް ޖެހިލާފައެވެ. އަދި އެއަށްފަހު 105 ވަނައިގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރު މަހު 107 ވަނަ އަށްވެސް އިންޑިއާ ވެއްޓުނެވެ.

އިންޑިއާ އާއި ހިލާފަށް ރާއްޖެ ވަނީ ރޭންކިންގައި ދަށަށް ވެއްޓިފައެވެ. އެގޮތުން އޮކްޓޯބަރު މަހު 156 ވަނައިގަ ރޭންކު ކުރެވިފައި އޮތް ރާއްޖެއަށް މިމަހު އިއުލާންކުރި ރޭންކިންގައި ލިބެނީ 157 ވަނަ އެވެ. އޮގަސްޓު މަހާއި ސެޕްޓެމްބަރު މަހު ރާއްޖެއަށް ލިބިފައިވަނީ 158 ވަނައެވެ. ރާއްޖެއަށް އެންމެ މަތިން ފީފާ ރޭންކިންގައި ޖާގަ ލިބިފައިވަނީ 126 ވަނައެވެ. އެންމެ ދަށްކޮށް ރޭންކު ކުރެވުނީ 183 ވަނައިގައެވެ.

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހު ރޭންކިންގ އަށް ބަދަލުތައް އައިސްފައިވާއިރު ސާފް ސަރަހަށްދުގައި އެންމެ މަތިން 1182.75 ޕޮއިންޓާއެކު 104 ވަނަ ލިބިގެން އޮތީ އިންޑިއާއެވެ. ދެވަނައިގައި 157 ވަނައިގައި އޮތް ރާއްޖެއަށް 1021.58 ޕޮއިންޓު ލިބިފައިވާއިރު ތިންވަނަ ލިބެނީ ޒުވާން ކުޅުންތެރިންނާއެކު ތަފާތުދައްކަމުން އަންނަ ނޭޕާލަށެވެ. ހަތަރުވަނަ 186 ވަނައިގައި އޮތް ބޫޓާނަށް ލިބޭއިރު ފަސްވަނަ ލިބެނީ 187 ވަނައިގައި އޮތް ބަންގްލަދޭޝް އަށެވެ އަދި ސަސްޕެންޝަންގައި އޮތް ޕާކިސްތާނަށް ސަރަހައްދުގެ 6 ވަނަ ލިބެނީ ރޭންކިންގެ 198 ވަނަ ލިބިގެންނެވެ. މި ސަރަހައްދުގެ ފުލުގައި އޮތީ ފީފާ ރޭންކިންގެ 204 ވަނައިގައި އޮތް ސްރީލަންކާ އެވެ.