ނޭޕާލްގެ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެގެންހުރި ކިރަން ކުމާރް ލިމްބޫ، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކިރަން މާޒިޔާ އަށް ސޮއިކުރިއިރު ކިރަން ވަނީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ދެކޮޅަށް ނޭޕާލް ނުކުތްއިރު، އެމެޗުގައި ރާއްޖެއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކިރަން އެވެ. ރައުންޑް ރޮބިން އުސޫލުން ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ކިރަން ކޮޅަށް ވަދެފައިވަނީ 2 ލަނޑެވެ. އެހެންނަމަވެސް މުބާރާތުގެ ފައިނަލުގައި، ވަރުގަދަ އިންޑިއާ އިންވަނީ ނޭޕާލްގެ ގޯލު ފޫއަޅުވާލާ 3 ލަނޑު ކާމިޔާބު ކޮށްފައެވެ.

އުމުރުން 31 އަހަރުގެ ކިރަން މާޒިޔާ އަށް ސޮއިކުރިއިރު އޭނާ ވަނީ މީގެކުރިން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ. ކުޑަ މެދުކެނޑުމަކަށްފަހު ޖުމްލަ ދެފަހަރެއްގެ މަތިން ކިރަން ޓީސީއަށް ކުޅެފައިވާއިރު 2018 ވަނަ އަހަރުގައި ކިރަން ވަނީ އިންޑިއާގެ އެންމެ މަތީ ފަންތީގެ ދެ ލީގުގެ ތެރެއިން، އައި ލީގުގައި ކުޅެމުން އައި މިނެރްވާ ޕަންޖާބަށް ކުޅެފައެވެ. އެފަހަރު އޭނާ ވަނީ އެކުލަބާއެކު ލީގު ޓައިޓަލްވެސް ހޯދާފައެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ޓީސީގައި ކިރަން ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ ޓީސީ އާއިއެކު އެއަހަރުގެ ދިވެހި ޕްރިމިއަރ ލީގު ކާމިޔާބު ކޮށްފައެވެ. އަދި އެއަހަރު ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމުވެސް ހޯދާފައިވަނީ ކިރަން އެވެ.

މީގެއިތުރުން ކެރިއަރުގައި ކިރަން ހޯދާފައިވާ އިންޑިވިޖުއަލް ކާމިޔާބީތަކުގެ ތެރޭގައި، 2019/2020 ވަނަ އަހަރުގެ ސީޒަނުގައި އިންޑިއާގެ އައި ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމުގެ އިތުރުން މިއަހަރު އޭނާ ވަނީ ނޭޕާލް ސުޕާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމުވެސް ހޯދާފައެވެ.

މާޒިޔާ އަކީ 2008 ވަނަ އަހަރު މަޗިންދްރަ ފުޓްބޯލް ކުލަބުން ސީނިއަރ ކެރިއަރު ފެށި ކިރަން ކުޅޭ 9 ވަނަ ކުލަބެވެ.

ރާއްޖޭގެ ޗެމްޕިއަން މާޒިޔާގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ އާއި ކިރަން ހަވާލުވިއިރު، އެމަގާމު އެންމެފަހުން ފުރާފައިވަނީ އުޒްބަކިސްތާނު ކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އެވެ. އެހެންންމަވެސް މާޒިޔާއިން އެންމެފަހުން ކުޅުނު މެޗުގައި އެޓީމުގެ ގޯލު ބަލަހައްޓާފައިވަނީ ހުސެއިން އެވެ.