ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ކޯޑިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ހިންގީ 1 ސެޕްޓެމްބަރ 2021 އިން ފެށިގެން 16 ނޮވްމެބަރ 2021 ނިޔަލަށެވެ.

މި ޕްރޮގްރާމްގެ ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގައެވެ.

މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އައު، ޖުމްލަ 18 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާލާފައި ކަމަށް ދިރާގުން ބުނެއެވެ.

ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގަރލްސް ޓު ކޯޑް ކުޅުދުއްފުށި ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވަނީ މަރުހަބާ ދަންނަވާފައެވެ.

ޓެކްނޮލޮޖީ ދާއިރާއިގައި މަސައްކަތްކުރާ އަންހެނުން އިތުރުވަމުން އަންނަކަށް ފާހަގަކޮށް މިދާއިރާއަށް އަންހެންކުދިންނަށް ހުރި ފުރުސަތުތަކާއި އަންހެނުންނާއި އަންހެންކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ރަށުގައި ތިބެގެންވެސް ކެރިއަރއެއް ހޯދަން މިއަދު މަގުފަހިވެފައިވާ ކަމަށް އާތިފާ ވިދާޅުވިއެވެ.

ޕްރޮގްރާމުން ދަސްވި މަޢުލޫމާތުގެ ބޭނުންކޮށްގެން މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެންނަން ފަށައިގަތުމަށް ވިމެން އިންޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ކުދިންނަށް ހިތްވަރު ދެއްވިއެވެ.

އަދި ޕްރޮގްރާމްގައި ދަސްކުރި ހުނަރު ބޭނުންކުރުމަށް ރަށު ލެވެލްގައާއި ގައުމީ ލެވެލްގައި މިޕްރޮގްރާމްގެ ބައިވެރިންނަށް ފުރުސަތު ހޯއްދަވާ ދެއްވުމަށާއި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ނެރުމަށް ބާރު އަޅުއްވާދެއްވުމަށް ކުޅުދުއްފުށީ މޭޔަރ އާތިފް އަރިހުން އެދުނު ކަމަށް ދިރާގުން ބުނެއެވެ.

މިހަފްލާގައި ޓެކްނޮލޮޖީ ދާއިރާގައި ދިރާގުގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވާހަކަ ދެއްކެވިއެވެ.

އަދި މިއަހަރު އިންފޮމޭޝަން ޓެކްނޮލޮޖީއަށް ޚާއްސަކޮށްގެން ގްރެޖުއޭޓް އެޕްރެންޓިސްޝިޕް ފުރުސަތުތައް ދިރާގުން ހުޅުވާލި ވާހަކަވެސް ފާހަގަ ކުރެއްވިއެވެ.

މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި 2018 ވަނަ އަހަރުން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމް ސީރީޒްއެކެވެ.