2019 ވަނަ އަހަރުގެ ބޭއްބި ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕެކޭ އެއްފަދައިން، މިއަހަރު ބޭއްވި 30 ވަނަ ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ޒުވާން އަންހެން ތަރި އައިޝަތު ހިމްނާ ހަސަން ހޯދައިފިއެވެ.

ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު މިމުބާރާތް ބޭއްވިފައި ނުވާއިރު، މިފަހަރު މިމުބާރާތް ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. 36 އިވެންޓެއްގައި ޖުމްލަ 219 އެތްލީޓުން ބައިވެރިވި އެތްލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވަނީ މާފަންނުގައި ހުންނަ، އެކުވެނި ސިންތެޓިކް ދުވާ ޓްރެކުގައެވެ.

ޗެމްޕިއަންޝިޕުގައި ދިވެހި ސިފައިންގެ ކްލަބުން ވާދަކުރި ސާއިދު ވަނީ ހަތަރު ރަން މެޑެއްޔާއި އެއް ލޯ މެޑަލް ހޯދާފައެވެ. އެގޮތުން ސާއިދު ވަނީ މި މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ އިތުރުން ދިވެހި ސިފައިންގެ ކުލަބާއެކު ހަތަރެއް ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ސާއިދަށް ލޯ މެޑަލް ލިބުނީ ދިވެހި ސިފައިންގެ ކުލަބު ވާދަކުރި ހަތަރެއް ގުނަ 100 މީޓަރު ދުވުމުންނެވެ.

ދެން މި މުބާރާތުގެ އެންމެ މޮޅު އަންހެން ދުވުންތެރިޔާގެ މަގާމު ހޯދި އުމުރުން 18 އަހަރުގެ ހިމްނާ ވަނީ ހަތަރު ރަން މެޑެއްޔާއި އެއް ރިހި މެޑަލް ހޯދާފައެވެ. އެގޮތުން ހިމްނާ ވަނީ މި މުބާރާތުގެ އަންހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ އިތުރުން ކުލަބު ރާވެރިޔާއާއެކު ހަތަރެއް ގުނަ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ހިމްނާއަށް ރިހި މެޑަލް ލިބުނީ ކުލަބު ރާވެރިޔާ ވާދަކުރި ހަތަރެއް ގުނަ 100 މީޓަރު ދުވުމުންނެވެ.

މީގެ އިތުރުން މި މުބާރާތުގެ ދިގު ދުވުންތަކަށް ބަލާލާއިރު، މުޙައްމަދު ރަޝީދު (މޯޑް) ވަނީ ފިރިހެނުންގެ 5،000 މީޓަރާއި 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. ދެން ދިގު ދުވުމުގައި ކުރިއަށްދިޔަ ފިރިހެނުންގެ 800 މީޓަރާއި 1،500 މީޓަރުގެ ރޭހުން ރަން މެޑަލް ހޯދީ ހުސައިން ރިޒާ (ކުޑަ ރިޒާ) އެވެ. އަދި މި މުބާރާތުގެ އަންހެނުންގެ ދިގު ދުވުންތަކުގެ ތިން ރޭސް ކަމަށްވާ 800 މީޓަރު، 1،500 މީޓަރު އަދި 5،000 މީޓަރުގެ ދުވުންވެސް ކާމިޔާބުކޮށްފައިވަނީ އާމިނަތު ޖައިޝާ ޖުނީޒެވެ.

މި ފަހަރުގެ މުބާރާތުގެވެސް އެންމެ މޮޅު ފިިރިހެން ކުލަބުގެ މަގާމު ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބެވެ. އެ ޓީމުން އެންމެ ފުރަތަމަ ގައުމީ މުބާރާތުގެ އެންމެ މޮޅު ކުލަބުގެ މަގާމު ހޯދީ 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްގައިވެސް އެންމެ މޮޅު ފިރިހެން ކުލަބުގެ މަގާމު ހޯދަމުން އަންނަނީ ދިވެހި ސިފައިންގެ ކުލަބުންނެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު އަންހެން ކުލަބުގެ މަގާމު ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.