ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރު ކޮށްފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގައި ރޭ 11:43 ހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ޢުމުރުން 36 އަހަރު ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަޖީދީ މަގުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ފުލުން ތަހުގީގުކުރަމުންދާ ކަމަށެވެ.

މީސް މީޑިޔާގައި ދައުރުވަމުން ދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ފުލުހުންނާ ހަވާލު ކޮށްފައިވަނީ އާންމުންގެ ބަޔެކެވެ.

މި ދިޔަ ހުކުރު ދުވަހުވެސް މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައިވެސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 20 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގައި ޖިންސީ ފުރުއްސާރައިގެ މައްސަލަތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.