އަންހެން 7 ޓީމާއި ފިރިހެން 9 ޓީމާއެކު 45 ވަނަ ގައުމީ ފެތުމުގެ މުބާރާތް ފަށައިފިއެވެ.

މިއަދު ފެށި މި މުބާރާތް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މުބާރާތް ކުރިއަށްދާނީ ހުޅުމާލޭ ސްވިމިންގ ޕޫލްގައެވެ. މިއީ ޤައުމީ ފެތުމުގެ މުބާރާތް ޕޫލެއްގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެކުރިން ގައުމީ ފެތުމުގެ މުބާރާތް ކުރިއަށްދަނީ އާންމުގޮތެއްގައި މާލޭގައި އޮންނަ ސްވިމިންގ ޓްރެކުގައެވެ.

މުބާރާތް ކުރިއަށްދާނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ޓީމް ކެޓަގަރީ، ޖޫނިއަރ ކެޓަގަރީ އަދި ސީނިއަރ ކެޓަގަރީގެ އިތުރުން މާސްޓަރސް ކެޓަގަރީއެވެ.

މުބާރާތުގައި ޖުމްލަ 195 ފެތުންތެރިން ބައިވެރިވާނެއެވެ. އެއީ ފިރިހެން 119 ފެތުންތެރިންނާއި، އަންހެން 76 ފެތުންތެރިންނެވެ.

ގައުމީ ފެތުމުގެ މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ.

އެންމެފަހުން ބޭއްވި ގައުމީ މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީތަކުގެ ޗެމްޕިއަންކަން ނިއުލެގޫންސް ހޯދިއިރު، އެއީ ފިރިހެން ކެޓަގަރީން ނިއުލެގޫންސް ޖެހިޖެހިގެން ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ.