ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ މޮޅު އެއް ޑިފެންޑަރު މާޒިޔާ އަށް ބަދަލުވީ ކުރިއަށް އޮތް ސީޒަނަށެވެ. އަކޫ އަކީ މީގެ ކުރިން 2011 ވަނަ އަހަރު މާޒިޔާއަށް ކުޅުނު ޑިފެންޑަރެކެވެ. އެ ފަހަރު އޭނާ ވަނީ މާޒިޔާއަށް 16 މެޗު ކުޅެދީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ.

މާޒިޔާއިން އަކޫގެ ސޮއި ހޯދިއިރު އޭނާ އެންމެފަހުން ހުރީ ކްލަބް ވެލެންސިއާގެ ކޮންޓްރެކްޓުގައެވެ. އެހެންނަމަވެސް އޯގަސްޓް މަހު ކުޅުނު އޭއެފްސީ ކަޕަށް އަކޫ ވަނީ ކްލަބް އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އަދި މުބާރާތުގެ ޕްލޭއޮފް ގައި އީގަލްސް އިން ބެންގަލޫރު އެފްސީ އާއި ދެކޮޅަށްކުޅުނު މެޗުގައިވެސް އަކޫ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން އަރާފައެވެ.

އުމުރުން 34 އަހަރުގެ އަކޫ އެންމެ ފުރަތަމަ އޭނާގެ ކެރިއަރު ފެށި 2006 ވަނަ އަހަރު ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން އަކޫ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ވީބީ އައްޑޫ އެފްސީއަށްވެސް ކުޅެފައެވެ. މި ކުލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަކޫގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ ގައުމީ ފުޓްބޯޅަ ޓީމާއެކު 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ އަކޫގެ ކެޕްޓަންކަމުގެ ދަށުންނެވެ.

ކުރިއަށް އޮތް ދިވެހި ޕްރިމިއަރ ލީގަށް ސްކޮޑް ވަރުގަދަކުރުމަށް މާޒިޔާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޓީމުން ވަނީ ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުމާރް ލިމްބޫގެ ސޮއިވެސް ހޯދާފައެވެ. ކުރިއަށް އޮތް ސީޒަނުގައި މާޒިޔާއަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު، މުޙައްމަދު ޝިޔާޒް (މޯހަން) އެވެ.