ފާއިތުވި 3 އަހަރު ތެރޭގައި އެމްޑަބްލިޔުއެސްސީން ރާއްޖޭގައި ހިންގާފައިވާ އެކި ޕްރޮޖެކްޓްތަކަށް 1.8 ބިލިއަން ރުފިޔާ އަރައި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް، އާބާދީގެ ކުޑަ ބޮޑު މިނެއް ބެލުމެއް ނެތި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފޯރުކޮށް ދިނުމަކީ މިސަރުކާރުގެ މުހިންމު ވައުދެއް ކަމަށެވެ.

އަދި ސަރުކާރުގެ މިވައުދު ފުއްދުމުގައި އެމްޑަބްލިޔުއެސްސީން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.

އެގޮތުން ފާއިތުވި 3 އަހަރު އެމްޑަބްލިޔުއެސްސީން ވަނީ 31 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އަދި މިއީ ދިވެހި ސަރުކާރުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

މިއީ އެމްޑަބްލިޔުއެސްސީގެ ތާރީޙުގައިވެސް މިހާ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުނު 3 އަހަރުގެ ގޮތުގައި އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއު ތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް، 6 ރަށެއްގެ ފެނުގެ ނިޒާމް އަދި 2 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

މިހުރިހާ މަސައްކަތްތަކެއްގެވެސް އަމަލީ މަސައްކަތްތައް ކުރިއަށް ދާ ކަމުގައިވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި ބައެއް މަޝަރޫއުތަކުގެ ބޮޑުބައެއް ނިމިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އެމްޑަބްލިޔުއެސްސީން ކުރިން މަސައްކަތް ފަށާފައިވާ، އއ. ރަސްދޫ ފެނުގެ ނިޒާމާއި ޅ. ކުރެންދޫ ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި މި ދެ މަޝްރޫއު ސަރުކާރާއި ހަވާލުކޮށްފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މި މަޝްރޫއުތަކުގެ ދަށުން 3000އަށް ވުރެ ގިނަ ގެއަށް ފެނުގެ ގުޅުން އަދި 3000 އަށް ވުރެ ގިން ގެއަށް ނަރުދަމާގެ ގުޅުން ގުޅައި ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މި މަޝްރޫއު ތަކުގެ އަގު ޖުމްލަ 1.8 ބިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އަދި މި މަޝްރޫއުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

މިއާއި އެކު ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި ވެށީގެ ރައްކާތެރިކަން ލިބިގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އަދި އެމްޑަބްލިޔުއެސްސީގެ މި ޕްރޮޖެކްޓްތަކުގެ ސަބަބުން އިޖްތިމާއި އިގްތިސާދީ ކުރިއެރުމުގެ އިތުރުން ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.