އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ނޯވޭގެ ތަޖުރިބާކާރު ކޯޗް، އޮލެ ގުނަ ސޯލްޝެއާ ވަކިކޮށްފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ވަޓްފޯޑް އަތުންވީ ބައްޔާއެކު ޔުނައިޓެޑްގެ ވެރިން ވަނީ އެތައް ގަޑިއިރުތަކަކަށް ދިގުދެމިގެންދިޔަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ޔުނައިޓެޑްގެ ބޯޑުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ސޯލްޝެއާ ވަކިކުރަން ނިންމިކަމަށް މިއަދު ހެނދުނު ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު ޔުނައިޓެޑުން މިކަން އިއުލާން ކޮށްފައިވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން ކުލަބުން ރަސްމީކޮށް ސޯލްޝެއާ ވަކިކުރިކަން އިއުލާނުކުރުން މަޑުޖައްސާލީ ކުލަބުގެ ޗެއާމަން، ގްލޭޒާގެ ބަސް ހޯދުމަށްފަހު އެކަން ކުރުމަށެވެ.

ޔުނައިޓެޑްގެ ވެބްސައިޓުގައި ބުނެފައިވަނީ، ސޯލްޝެއާ އަކީ ކުރިންވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ކުލަބުގެ ލެޖެންޑެއް ކަމަށާއި، އޭނާ ވަކިކުރުމަށް ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ.

އަދި ކުލަބަށް ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި ކޯޗެއްގެ ގޮތުގައި ކޮށްދީފައިވާ މަސައްކަތްތަކަކީ އަގުވަޒަން ނުކުރެވޭނެކަމެއްކަމަށް ވެބްސައިޓުގައިވާ ބަޔާނުގައި ބުނެފައިވެއެވެ.

އައު ކޯޗެއް ހަމަޖެހެންދެން ޔުނައިޓެޑަށް ވަގުތީގޮތުން އިރުޝާދުދޭނީ މައިކަލް ކެރިކް އެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން މިހާރު ފާރަލާ ކޯޗުންގެ ތެރޭގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ރެއާލް މެޑަރިޑުގެ ކުރީގެ ކޯޗް، ޒިދާން އަށެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާއި ސޯލްޝެއާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު، އެމަގާމުގައި ހުރި ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ޔުނައިޓެޑްގެ ސީނިއަރ ޓީމާއެކު ފާއިތުވީ 3 އަހަރުގެ ތެރޭގައި ސޯލްޝެއާއަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބީއަކީ 2020/2021 ވަނަ އަހަރުގެ ސީޒަންގެ ޔޫއެފާ ޔޫރަޕާ ލީގެވެ.