ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ފެމިލަރައިޒޭޝަން ދަތުރެއްގައި އިންޑިއާގެ މަޝްހޫރު ދެ އިންފްލުއެންސަރުން އެ މީހުންގެ އާއިލާއާއެކު ރާއްޖެ އަތުވެއްޖެއެވެ.
މިދަތުރުގައި ރާއްޖެ އައީ ބޮލީވުޑްގެ މަޝްހޫރު އިންފްލުއެންސާ ދެމަފިރިން ކަމަށްވާ ކަރަންވީރް ބޮހޮރާ އާއި އޭނާގެ އަންހެނުން ޓީޖޭ ސިދޫގެ އިތުރުން މި ދެމަފިރިންގެ ތިން ކުދިން ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
މި ދަތުރުގައި މި އާއިލާ ރާއްޖޭގައި ތިބޭނީ މިމަހުގެ 21 އިން މިމަހުގެ 26 ވަނަ ދުވަހާއި ހަމައަށެވެ.
ކަރަންވީރް ބޮހޮރާ އަކީ ބޮލީވުޑްގައި މަޝްހޫރު އެކްޓަރ، ޕްރޮޑިއުސަރ އަދި ޑިޒައިނަރެކެވެ. ކަރަންވީރުގެ އަންހެނުންނަކީ ވެސް ބޮލީވުޑްގެ ފިލްމްތަކުން ފެނިގެންގޮސްފައިވާ އިތުރުން ޕްރޮޑިއުސަރ އަދި ރޭޑިއޯ ޕްރެޒެންޓަރެކެވެ.
މި ދެތަރިންނަކީ ވެސް ފޭސްބުކް، އިންސްޓަގްރާމް، ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގިނަ ޕޮލޮވަރުން ތިބޭ ދެތަރިންނެވެ. ރާއްޖެއަށް މި ދެ ތަރިން ކުރާ ދަތުރުގައި ދެ މީހުންގެ ތިން ދަރިން އަދި ޕްރޮޑަކްޝަން ޓީމުން ދަނީ ބައިވެރިވަމުން ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
މި ފެމިލަރައިޒޭޝަން ދަތުރުގައި މި ދެތަރިންނާއި އެ މީހުންގެ އާއިލާ ޗުއްޓީ ހޭދަކުރަނީ ޕެރެޑައިޒް އައިލެންޑް ރިޒޯރޓު އެންޑް ސްޕާގައެވެ. އަދި ރާއްޖޭގައި ޗުއްޓީހޭދަކުރާ އާއިލާތަކަށް ލިބޭ އެކިއެކި ހިދުމަތްތައް ތަޖުރިބާ ކުރާނެއެވެ.
އެގޮތުން ސްނޯކްލްކުރުމާއި، ސްޕާ، ވޯޓާ ސްޕޯޓްސް އަދި ރާއްޖެ އަށް ހާއްސަ ކަންކަން ލިއާއިލާއިން ތަޖުރިބާ ކުރާއިރު ރާއްޖޭގެ ރިޒޯޓުތަކުގައި ލިބެން ހުންނަ އެކި ޤައުމުތަކުގެ ކެއުންތައްވެސް ތަޖުރިބާވެސް ކުރާނެއެވެ. މީގެ އިތުރުން މި އިންފްލުއެންސާދެމަފިރިންގެ އެއްމާބަޑު ދެ ކުދިންގެ އުފަންދުވަސް ވެސް މި ދަތުރުގެ ތެރެއިން ރާއްޖޭގައި ފާހަގަކުރާނެއެވެ.
ރާއްޖެއަށް ކުރާ ދަތުރުގެ ތެރެއިން މި ދެ އިންފްލުއެންސަރުން އެމީހުންގެ ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓްތަކެއް ހިއްސާކުރަަން ހަމަޖެހިފަވާއިރު މިޕޯސްޓްތަށް ދެމީހުންގެމިލިއަނެއްހާ ފޮލޮވަރުންނަށް ފެނި، ރާއްޖެ އިތުރަށް ޕްރޮމޯޓުވާނެ ކަމަށް ބެލެވެއެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ރާއްޖޭ އަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ގައުމެއްކަމުން، މިއީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުމެވެ.
ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުން ލިބެން ހުންނަ ހިދުމަތްތަކާއި، ރާއްޖޭއިން ފަތުރުވެރިންނަށް ލިބޭތަފާތު ތަޖުރިބާތައް މި ގޭމް ޓްރިޕްގެ ޒަރިއްޔާއިން އިންޑިއާގެ މާކެޓަށް އިޝްތިހާރުކުރެވޭނެއެވެ.
މިއީ މިއަހަރު ވިޒިޓް މޯލްޑިވްސްއިން ޑަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ސިލްސިލާ ފޭމް ޓްރިޕްތަކުގެ ތެރެއިން އެއް ޓްރިޕެވެ.
މި މާކެޓަށް އަމާޒުކޮށްމިއަހަރު ވަނީ ގްރޫޕް މިޑިއާ، ސެލެބްރިޓީ އަދި ޓްރެވަލް އެޖެންޓުންގެ ފޭމް ޓްރިޕްތައް ކުރިއަށް ގެންގޮސްފައެވެ. މި އަހަރުގެ ކުރިއަށް އޮތްތަނުގައިވެސް މިފަދައިތުރު ޓްރިޕްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން އަންނަނީ މިއަހަރު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ.
މި މާކެޓުގައި ރާއްޖެއިޝްތިހާރުކުރުމަށް އަހުމަދުއާބާދުގައި ރޯޑްޔޯ އެއް ބާއްވާފައިވާއިރު، އިންޑިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއް ޓީޓީއެފް ގައި ވަނީ ބައިވެރިވެފައެވެ. އަދި އިންޑިއާގެ މައިސް ސެގްމެންޓަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް މިންޓް ކޮންގްރެސް ގައި ވިޒިޓް މޯލްޑިވްސް އިން ވަނީ ބައިވެރިވެފައެވެ.
މީގެއިތުރުން ޔަތްރާ އަދި ގޯ އެއަރ ރާއްޖޭގެ އިޝްތިހާރުކުރުމަށް ހާއްސަ ކެންޕެއިނަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންނާއެކު ކުރިއަށް ގެންދާ ކެންޕެއިންތަކާ، ޑިޖިޓަލް މީޑިއާ ކެންޕެއިންތައް މި އަހަރު ބާކީ އޮތް ދުވަސްވަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. 16 ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1،083،992 ފަތުރުވެރިން ވަނީޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރެއިން 22.4 އިންސައްތަ އަކީ އިންޑިއާއިން ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނެވެ.