ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފައިވާއިރު، ދެން އެމަނިކުފާނު ހުންނަވާނީ މުރައިދޫގޭގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައީސް ނަޝީދު މިއަދު މާލެ ވަޑައިގެންފައި މިވަނީ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26" ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ.

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ ދައުލަތުގެ ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ފާސްކޮށްފައެވެ.

ހަމަލާއަށްފަހު ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގަތުމަށްފަހު، އެމަނިކުފާނު އެނބުރި މާލެ ވަޑައިގެންނެވީ 6 މަސް ދުވަހަށް ފަހުއެވެ.

އެއަށްފަހު ދައުލަތުން ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ދައުލަތުން އެމަނިކުފާނުގެ ހުރުމަށް ދުވާލަކަށް 33،000 ރުފިޔާ ހަރަދުކޮށްފައިވާއިރު، މިކަމަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައެވެ.

އޭރު އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވީ މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނުނިމޭތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު "ވީނިއުސް" އަށް ވިދާޅުވީ ރައީސް ނަޝީދު މުރާދޫގޭގައި ހުންނެވި ނަމަވެސް އެ ގެ ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފައިނުވާ ކަމަށެވެ.