މަޖިލީހުގެ ބަޖެޓު ކޮމެޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރަން ފަށައިފިއެވެ.

ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކުރުމަށްފަހުއެވެ. ޚަރަދުގެ ގޮތުގައި އަންނަ އަހަރު ހިނގާނެ ކަމަށް ބެލެވެނީ 34.0 ބިލިއަން ރުފިޔާއެވެ.

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފަވާއިރު ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ބަޖެޓަށް ބަދަލު އައިސްފައިވަނީ ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށާއި، ބައެއް މުއައްސަސާގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމުންނެވެ.

އެގޮތުން 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ.

އަދި ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓާއި 7 މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އިތުރުކޮށްދީފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް 7 މިލިއަން ރުފިޔާ އިތުރުކޮށްދީފަވާއިރު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރުމަށް 5 ލައްކަ ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ.

އަދި ސިވިލް ސާވިސް ކޮމިޝަން 1.69 މިލިއަން ރުފިޔާ މިލިއަން ރުފިޔާ އިތުރުކޮށްދީފަވާއިރު އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް 2.2 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްދީފައެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

އަދި ހައްލު ހޯދަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވީނަމަވެސް ފެންނަން އޮތީ ހައްލު ހޯދަންޖެހޭ ގިނަ މައްސަަލަތަކެއް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.