އައްޑޫ ސިޓީގައި ހުންނަ ސްރީލަންކަން އެއާލައިންގެ އޮފީހަށް ޒިޔާރަތްކޮށްގެން ގަން- ކޮލަމްބޯ ދެކޮޅު ޓިކެޓް 2 މީހަކަށް، ހިލޭ ލިބޭ ޕްރޮމޯޝަނެއް އެ އެއާލައިނުން ފަށައިފިއެވެ.

ސްރީލަންކަން އެއާލައިނުން ބުނެފައިވަނީ މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ޖެހޭނީ އައްޑޫ ސިޓީގެ ފޭދޫގައި ހުންނަ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް އެޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ ދަށުން ހިންގަމުން އަންނަ ޕެސެންޖަރ އެޖެންޓް، އޭސް ޓްރެވަލްސްއަށް ގޮސް ރަޖިސްޓްރީ ކުރުމަށް ކަމަށެވެ.

އަދި މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެތަނުން ދެވޭ ކިއުއާރު ކޯޑެއް ސްކޭން ކޮށްގެން ކަމަށް ވެސް ސްރީލަންކަން އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ވިހިވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށެވެ. ލަކީޑްރޯގެ އިން ހޮވޭ ފަރާތް އިއުލާން ކުރުން އޮންނާނީ ޑިސެމްބަރު މަހުގެ ފަނަރަވަނަ ދުވަހުގައެވެ.

އައްޑޫސިޓީގައި ހުންނަ އޭސް ޓްރެވަލްސް އޮފީސް ހުންނަނީ ފޭދޫ ހިއްކިބިން ސަރަހައްދުން ކުރީގެ ބޭކަރީ ހުންނަ ހިސާބުގައެވެ.

އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ގަން- ކޮލަމްބޯ ދަތުރުތައް އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ގިނަ ހިދުމަތްތަކަކާއެކު ފޭދޫގައި ހުޅުވާ އޭސްޓްރެވެލްސް ގެ އޮފީސް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

މީގެ ކުރިން ސްރީލަންކަން އެއާލައިން ބުނީ އަލުން ދަތުރުތައް ފަށާއިރު އައްޑޫއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓްގެ އަގަކީ (ދިވެހިންނަށް) 271 އޫއެސް ޑޮލަރެވެ.

އަދި ގަމުން ދުބާއީއަށް 487 ޔޫއެސް ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު، ގަން ޑާކާ މާލެ ޓިކެޓްގެ އަގަކީ 490 ޔޫއެސް ޑޮލަރެވެ. މީގެ އިތުރުންވެސް އިތުރު ގިނަ މަންޒިލްތަކަށް ސްރީލަންކަން އިން ދަތުރު ކުރެވޭނެ ކަަމަށެވެ.