ވިލާގެ އެކި ވިޔަފާރިތައް ބޭނުންކޮށްގެން މަނީލޯންޑާ ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަތަކަކީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށްޓަކައި ބަޔަކު ކުރަމުން އަންނަ މަސައްކަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ގުޅިގެން ކޮރަޕްޝަނުގެ އަމަލެއް ހިންގައި، އެ އަމަލުގެ ތެރެއިން ލިބޭ ފައިސާ ވިލާގެ އެކި ވިޔަފާރިތައް ބޭނުންކޮށްގެން މަނީލޯންޑާ ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަތަކާއި ގުޅޭގޮތުން ވީނިއުސްއާ ވާހަކަ ދައްކަވަމުން އަލީ ސޯލިހް ވިދާޅުވީ މިކަމާ ގުޅުވާ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަށް ވިލާ ކުންފުނީގެ އެމްޑީ ވަނީ އެކި ޕްލެޓް ފޯމްތަކުގައި ވާހަކަ ދައްކަވާފައި ކަމަށެވެ.

އޭގެ ފަހުން "ދިޔަރެސް" ކިޔާ ނޫހެއްގައި އެ ވާހަކަ ލިޔެފައިވާކަން އަލީ ސޯލިހް ފާހަގަކުރެއްވިއެވެ.

މިކަމަކީ ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދީ އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި ގާސިމް އިބްރާހިމްގެ ނަންފުޅު ކިލަނބުކުރުމަށްޓަކައި ބަޔަކު ކުރި މަސައްކަތެއް ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

ހަގީގަތުގަ އެބާވަތުގެ ކޮންމެ ކަމަކުން ފެނިގެންދާނެ މަންޒަރަކީ ގާސިމް އިބްރާހިމްގެ ހުރި ސާފުކަން. އޭސީސީ ނޫން އަދި ކޮންމެ ތާކުން ތަހުގީގު ކުރިކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެބާވަތުގެ އެއްވެސް ކަމެއް ދުނިޔޭގެ އެއްވެސް ދިމާލެއްގައި ގާސިމް އިބްރާހިމަށް ނިސްބަތްވާ އެއްވެސް ތާކުން ވައްކަމާ ކޮރަޕްޝަނާ، ފަސާދަ އަދި ގާނޫނާ ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ކުރަންވަން ހިތްވަރެއްވެސް ނުދެއްވާނެ."
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސޯލިހް

ސިޔާސީ މައިދާނުންވެސް ފެނިގެންދަނީ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ގައުމަށްޓަކައި މަސައްކަތް ކުރައްވާ ތަން ކަމަށާއި އެމަނިކުފާނަކީ ވައްކަމާއި ކޮރަޕްޝަންގެ އަމަލެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

އަދި މި މައްސަލައިގެ އަސްލަކީ އެމަނިކުފާނު ކުރިއަށްއޮތް ތަނުގައި ސިޔާސީގޮތުން ބާރުވެރިވެދާނެ ކަމުގެ ބިރު ހީވެގެން ކުރާ މަސައްކަތެއްގެ ގޮތުގައި އަލީ ސޯލިހް ވަނީ ސިފަކުރައްވާފައެވެ.