މަސްތުވާތަކެތީގެ ތުހުމަތަކާއި ގުޅިގެން މިދިޔަ މަހު ހައްޔަރުކޮށް ގިނަ ދުވަސްތަކަކަށް ޖަލުގައި ބެހެއްޓި އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔާން ޚާންގެ މައްޗަށްކުރި ތުހުމަތުތަކަށް ބާރުލިބޭފަދަ އެއްވެސް ހެއްކެއް ނެތްކަމަށް ބޮމްބޭގެ ހައިކޯޓުން ނިންމައިފިއެވެ.

އާރްޔާންއާއެކު ހައްޔަރުކުރި އޭނާގެ ރަހްމަތްތެރިން ކަމަށްވާ، އަރްބާޒް މަރޗެންޓްއާއި މުންމުން ދަމޭޗާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހުއެވެ. ކަފާލާތުގެ ދަށުން އެމީހުން ދޫކޮށްފައިވަނީ 3 ހަފްތާއަށް ޖުޑީޝަރީ ބަންދުގައި ބެހެއްޓުމަށްފަހުއެވެ.

އިންޑިއާގެ ހައިކޯޓުން ނެރެފައިވާ ސްޓޭޓްމަންޓްގައި ބުނާގޮތުން އާރްޔަންއާއި އޭނާގެ އެކުވެރި އަރްބާޒް އަދި މުންމުންއާއި ދެމެދު ބަދަލުކުރެވިފައިވާ އެއްވެސް މުއާމަލާތަކުން އާރްޔާން މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ހެކި ލިބިފައެއް ނެތެވެ.

އަދި ހަމަ އެއާއެކު އާރްޔާން ދިރިއުޅޭ ގެ މަންނަތުއިންވެސް އާރްޔާންގެ އަމިއްލަ ފޯނުންވެސް އޭނާ ކުށްވެރިއަކަށް ސާބިތުކޮށްދެވޭވަރުގެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށް ހައިކޯޓުން ނެރުނު ސްޓޭޓްމަންޓްގައިވަނީ ބުނެފައެވެ.

އެސްޓޭޓްމަންޓުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ކްރޫޒް ޝިޕްގައި މިތިން މީހުންވެސް ދަތުރުކުރުމަކީ އިއްތިފާގެއްކަމަށާއި އެމީހުންނާ ދެކޮޅަށް މައްސަލަ ކުރިޔަށް ގެންދެވޭނެކަމެއް ނޫންކަމުގައެވެ.

އާރްޔާންގެ ކުށެއް ނެތްކަމަށް ސްޓޭޓްމަންޓް ނެރެފައުވާއިރު ކަފާލާތުގެ ދަށުން ދޫކޮށްލުމަށްފަހުވެސް އާރްޔަން ދިޔައީ ކޮންމެ ހުކުރު ދުވަހަކު އެން.ސީ.ބީ އޮފީހަށް ހާޒިރުވެފައެވެ.

ގިނަ ބަޔަކު މިހާރު ގަބޫލުކުރާގޮތުގައި މިއީ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު ބޭނުންކޮށްގެން ޝާހްރުކްއަށް ލިބިފައިވާ މަގުބޫލުކަން ނައްތާލުމަށް ބަޔަކު މީހުން ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ޖަރީމާއެކެވެ.

އާރްޔާން ހައްޔަރުކުރުމާއި ގުޅިގެން އެކްޓަރު ޝާހްގެ ފިލްމީ މަސައްކަތްތަކަށް ވަރަށް ބޮޑު ލޮޅުމެއް އެރިއެވެ. އެގޮތުން އޭނާ ޝޫޓިންގް ފަށާފައިވާ ފިލްމު 'ޕަތާން"ގެ މަސައްކަތް ވަގުތީގޮތުން މެދު ކަނޑާލުމާއި ޝާހް ކުޅެފައިވާ ބައެއް އެންޑޯސްމަންޓް ޕްރޮޖެކްޓްތަކުންވެސް ވަކިކުރިކަމަށް މީޑިއާގައި ހަބަރު ފެތުރުނެވެ. އެހެންނަމަވެސް ޝާހްރުކްގެ ފޭނުން ތިބީ އޭނާގެ އާއިލާއާއި އެކުގައެވެ.

އެދުވަސްވަރު ގިނަބަޔަކުވަނީ އާރްޔާން ޚާން ދޫކޮށްލުމަށް ގޮވާލާއި އެއްވުންތަކެއްވެސް ބާއްވާފައެވެ.