މި ސަރުކާރަށް ވާރުތަވި ދަރަނިތައް ވަރަށް ބޮޑު ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީން ފައިސާ ޗާޕު ކުރުމާއި ގުޅޭ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ ކޮވިޑަށް ފަހު އެންމެ ރަނގަޅަށް އިގްތިސާދު ކުރިއަރާ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވޯލްޑް ބެންކް އަދި އައިއެމްއެފުން ބުނެފައިވާ ކަމަށެވެ.

ދަރަންޏަކީ ވާރުތަވަމުން އަންނަ އެއްޗެއްކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ސަރުކާރަށް ވާރުތަވި ދަރަނިތައް ވަރަށް ބޮޑު ކަމަށާއި އެ ދަރަނިތައް ދައްކަމުން އަންނަނީ ސަރުކާރުން ކަމަށެވެ.

އަދި ދަރަނިތައް ސަރުކާރުން ދައްކާކަމުގެ ނަތީޖާއަކީ ރޭޓިން އެޖެންސީތަކުން ދިވެހިރާއްޖެއަށް އޮންނަ އިތުބާރު ބޮޑުވަމުން ދިޔުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މާނައަކީ އަޅުގަނޑުމެންނަކީ ޒިންމާދާރުކަމައެކު ފައިސާ މެނޭޖްކުރާ ބައެކޭ. އަޅުގަނޑުމެންނަކީ ޒިންމާދާރުކަމާއެކު ފައިސާ ހޯދާ ބައެކޭ. އަޅުގަނޑުމެންނަކީ ހޯދާ ފައިސާ އަނބުރާ ދެއްކުމުގެ ގާބިލްކަން ހުރި ގައުމެކޭ. މިއީ އަޅުގަނޑުގެ ވާހަކަތަކެއް ނޫން. މިއީ ދުނިޔޭގެ ކަމާބެހޭ މާލީ އިދާރާތަކުން ބުނާ ވާހަކަތައް."
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ކޮމެޓީން ފައިސާ ޗާޕު ކުރުމާއި ގުޅޭ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މިއަދު ދުނިޔޭގެ ގިނަ ގައުމުތައް ހިންގަމުން ގެންދަނީ އެގައުމުތަކުގެ ރިޒާވް ނަގައިގެން ނޫނީ އެގައުމުތަކުގެ މަރުކަޒީ ބޭންކުން ފައިސާ ނަގައިގެން ކަމަށެވެ.

އަދި މިގޮތަށް ކަން ކުރަމުން ދަނީ ހަމައެކަނި ރާއްޖެއިން އެކަނި ނޫން ކަމަށާއި އެގޮތަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް އަމަލު ކުރަމުން އަންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން އެބަ ބުނޭ އިންފްލޭޝަން އަންނާނެއޭ. ރަނގަޅު ވާހަކައެއް. އެކަމަކު 2016ވަނަ އަހަރުގެ މިއަދަށް ބަލާލީމާ އަޅުގަނޑުމެންނަކަށް އެހާލަތަށް އިންފްލޭޝަން އަންނަތަނެއް ނުފެނޭ. 2016ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22ވަނަ ދުވަހު ހަނޑޫ ކިލޯއެއް ހުރީ 8 ރުފިޔާ 40 ލާރިއަށް. ހަކުރު ކިލޯއެއް ހުރީ 8 ރުފިޔާ 10 ލާރިއަށް. ފުށް ކިލޯއެއް ހުރީ 7 ރުފިޔާ 90 ލާރިއަށް. މިއަދު އެހުރީ ހަތަރު ރުފިޔާ އިން ދަށުގައި. އެއަގުތައް. އެތެރޭގެ އުދުހުންތައް ހަނިމާދޫ މާލޭ ޓިކެޓެއްގެ އަގު ހުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ސޯޅަވަނަ ދުވަހުގައި ތިންހާސް އެއްސަތޭކަ ރުފިޔާއަށް. މިއަދު ހުރީ ދެހާސް ދުއިސައްތަ ފަންސަވިސް ރުފިޔާއަށް. މިއީ ހަގީގަތް."
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ

މީގެ އިތުރަށް މެމްބަރު ކުރީގެ ސަރުކާރުގައި ދައުލަތުގެ ރިޒާވް ހުރި މިންވަރަށްވުރެ މިއަދު ހުރި މިންވަރު ރަނގަޅު ކަމަށާއި އެހެންކަމުން ފައިސާ ޗާޕު ކޮށްގެން އިދިކޮޅު ފަރާތްތަކުން ބުނާވަރުގެ އިންފްލޭޝަނެއް ނާންނަ ކަމަށެވެ.