ރާއްޖެއާ ސްވިޓްޒަލޭންޑާއި ދެމެދު ސިދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް ސްވިޓްޒަލޭންޑްގެ އައު ސަފީރު ޑޮމިނިކް ފަރގްލަރ ވިދާޅުވެއްޖެއެވެ.

ޑޮމިނިކް މިފަދައިން ވިދާޅުވީ ސްވިޓްޒަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސްވިޓްޒަރލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

ފޮޓޯ: ރައީސް އޮފީސް

އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މައުޟޫއުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމާއި ލާމަރުކަޒުކުރުމާއި ކޮވިޑް މެނޭޖުކުރުމާއި ފަތުރުވެރިކަން ފަދަ މައުޟޫއުތައް ހިމެނޭކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސްވިޓްޒަރލޭންޑަކީ ރާއްޖޭގެ ބައިނަލްއަގްވާމީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ރާއްޖޭގެ ފަތުރުވެރިކަން ވިލާތުގެ ގައުމުތަކަށް އިތުރަށް ފުޅާކުރުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ސޯލިހު ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެއިތުރުން ރާއްޖެއާއި ސްވިޓްޒަރލޭންޑާ ދެމެދު ވިޔަފާރިއާ އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ ސްވިޓްޒަރލޭންޑުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖެއާ ގުޅިގެން މަސައްކަތްކުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

އަދި ރާއްޖެއަކީ ސްވިޓްޒަލެންޑުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ރާއްޖެއާ އެ ގައުމާ ދެމެދު ސިދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވިލާތުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދިވެހި ދަރިވަރުންނަށް ވިލާތުގެ ގައުމުތަކުން މަތީ ތައުލީމުގެ ސްކޮލަރޝިޕް ފުރުޞަތުތައް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ޝައުޤުވެރިވާ ކަމުގައި ވިދާޅުވެފައެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރާއްޖެއިން ސްވިޓްޒަރލެންޑާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1981 ޖޫން 23 ގައެވެ.