ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައިވެސް ފަހަތް ބެލެހެއްޓުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ، ހުރިހާ ދިވެހިންގެ ލޯބި ހޯދާފައިވާ ހައިޝަމް ހަސަން (ބިޑި) ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

22 އަހަރުގެ އުންމީދީ ޑިފެންޑަރު މާޒިޔާ އާއިއެކު ހަދާފައިވަނީ 3 އަހަރުދުވަހުގެ އެއްބަސްވުމެގެ. މާޒިޔާ އަކީ ދިވެހި ލީގުގައި ހައިޝަމް ފެނިގެންދާނެ ދެވަނަ ކުލަބެވެ.

އީގަލްސް އިން ސީނިއަރ ކެރިއަރުފެށި ހައިޝަމް އެންމެ ފުރަތަމަ 2017 ވަނަ އަހަރު އީގަލްސްގެ ޒުވާން ޓީމާ ގުޅުނީ އެ އަހަރުގެ ޔޫތު މުބާރާތް ކުޅުމަށެވެ. އެ ފަހަރު ހައިޝަމް ވަނީ އީގަލްސްއާއެކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއާއެކު 2018 ވަނަ އަހަރު އީގަލްސްގެ ސީނިއާ ޓީމުން ހައިޝަމަށް ފުރުސަތު ލިބިގެންދިޔައިރު، އީގަލްސްގެ ސީނިއާ ޓީމަށް ހައިޝަމް ކުޅެދިން ފުރަތަމަ މެޗަކީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ ފަހުން އީގަލްސްގެ ފުރަތަމަ އެގާރައިން ބަރާބަރަށް ފުރުސަތު ހޯދަމުން އައި ހައިޝަމް ވަނީ 2019 ވަނަ އަހަރުވެސް އީގަލްސްއާއެކު ޔޫތު މުބާރާތް ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައިވެސް ހުރި ހައިޝަމް އެންމެ ފުރަތަމަ ސީނިއަރ ގައުމީ ޓީމަށް ކުޅުނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ގައުމީ ޓީމުން ކުޅުނު ގިނަ މެޗުތަކެއްގައި ހައިޝަމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމުގެ ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ހައިޝަމްގެ ސޮއި ހޯދާފައިވާއިރު އެކުލަބުން ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އާއި، ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުމާރް ލިމްބޫގެ ސޮއިވެސް ހޯދާފައެވެ. މި ދެކުޅުންތެރިން މާޒިޔާ އާއި ގުޅިފައިވަނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ތަޖުރިބާކާރު ކޯޗް، މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުާދުގެ ދަށުން މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނައިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. އެހެންންމަވެސް ދިވެހި ލީގު ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ. މާޒިޔާ އަކީ އެންމެފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.