ކުރިއަށް އޮތް ރާއްޖޭގެ ފުޓުބޯޅަ ސީޒަން ޗެރިޓީ ޝީލްޑް މެޗުން ފަށާގޮތަށް، ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ކުރިން އާންމުކޮށްފައިވާ ރާއްޖޭގެ ފުޓުބޯޅަ ކަލަންޑަރު ބުނާގޮތުން ސީޒަން ފެށުމަށް ނިންމާފައިވަނީ ޕްރެޒިޑެންޓްސް ކަޕުންނެވެ. އެ މުބާރާތް ފެށުމަށް ކުރިން ނިންމީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ޗެރިޓީ ޝީލްޑް މެޗު އަންނައަހަރު ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

އާންމުގޮތެެއްގައި ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށަނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕަކީ ސީޒަން ނިންމުމަށް ކުޅޭ މުބާރާތެކެވެ.

އެފްއޭއެމް އިން ހޯމަ ދުވަހު އާންމުކުރި ކަލަންޑަރުގައިވާގޮތުން މިފަހަރުގެ ސީޒަން ފަށާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. މިމެޗުގައި ބައްދަލުކުރާނީ ފާއިތުވީ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަން މާޒިޔާ އާއި އެންމެފަހުގެ ރަނަރަޕް ވެލެންސިއާ އެވެ.

ކުރިއަށް އޮތް ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު އަންނަ މަހު ކުޅޭއިރު، މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުވެސް ކުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މެޗުން ކުލަބު އީގަލްސް ވަނީ މާޒިޔާ ބަލިކޮށް މުޅިން އަލަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ.

އެފްއޭއެމުން ނެރުނު އައު ކަލަންޑަރުގައިވާ ގޮތުން މީގެ ކުރިން ބާއްވަމުން އައި ޕްރެޒިޑެންޓްސް ކަޕް މިހާރު ވަނީ ޕްރެޒިޑެންޓްސް ލީގަށް ބަދަލުކޮށްފައެވެ. އަދި އެ ލީގު ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ. މި ފަހަރުގެ މުބާރާތް ރާވާފައިވާ ގޮތުން ދިވެހި ޕްރެޒިޑެންޓްސް ލީގުގައި ޕްރިމިއާ ލީގުގައި އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، މުބާރާތުގެ ފައިނަލުުގައި ކުޅޭނީ ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕުގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަނަ އަހަރެވެ.

އެކި ސަބަބުތަކާހެދި ފާއިތުވީ ތިން ސީޒަނުގައިވެސް ޕްރެޒިޑެންޓްސް ކަޕް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 4 ވަރަކަށް އަހަރަށްފަހު މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

އަންނަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ޕްރެޒިޑެންޓްސް ލީގު ނިމޭއިރު، ހޯމަ ދުވަހު އިއުލާނުކުރި ކަލަންޑަރުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގު ފަށަން އެފްއޭއެމުން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހެވެ. މީގެ ކުރިން ލީގު ފެށުމަށް ތާވަލުކޮށްފައި އޮތީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހެވެ.

މިދިޔަ ސީޒަނުގެ ލީގުގައިވެސް ކުޅުނު އަށް ޓީމާއެކު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާއިރު، މި ފަހަރުގެ ލީގުގައިވެސް ތިން ބުރު ކުޅުމަށް ވަނީ ނިންމާފައެވެ. ނިމިދިޔަ ސީޒަނުގައިވެސް ލީގުގައި ތިން ބުރެއް ކުޅެން އެންމެ ފުރަތަމަ ނިންމި ނަމަވެސް، އެ ފަހަރު ދެވަނަ ބުރާ ހަމައިން ލީގު ވަނީ ނިންމާލާފައެވެ.

މިދިޔަ ސީޒަނުގެ ލީގުގައިވެސް ކުޅުނު އަށް ޓީމު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު، މި ފަހަރު އެއްވެސް ޓީމެއް ރެލިގޭޓުވެފައި ނުވަނީ މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަން ބާއްވާފައި ނުވާތީއެވެ.

އެކަމަކު މި ސީޒަނުގައި ދެވަނަ ޑިވިޝަން އަނެއްކާވެސް ބާއްވާއިރު، އެފްއޭއެމުން ނެރެފައިވާ ކަލަންޑަރުގައިވާ ގޮތުން އެ މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޖޫން މަހު އެއްވަނަ ދުވަހު އެފްއޭ ކަޕް ފަށާއިރު، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ ޖުލައި މަހުގެ 27، 31 އަދި އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ކުޅޭ ގޮތަށެވެ.