ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް އަލަށް ގުޅުނު ގިނަ އަދަދެއްގެ މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ހުށައަޅައިފިއެވެ.

ޖޭޕީގެ އިސްތަރުޖަމާނު އަލީ ޞާލިޙް ވީނިއުސް ވިދާޅުވީ، އަލަށް ހުށައެޅި ފޯމުތަކާއެކު އެ ޕާޓީގެ މެމްބަރުންގެ ޖުމްލަ އަދަދު 20000ށް އަރާނެ ކަމަށެވެ. ނުވަތަ އެއަށް ވުރެ އިތުރުވުންވެސް އެކަށީގެންވާ ކަމަށެވެ.

ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވި ޓީމްގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޕޮލިޓިކަލް އެފެއާޒް ޔަޝްފާ އަބްދުލްޣަނީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށާއި ފެންނަމުން ދަނީ ޖޭޕީގެ މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވާތަން ކަމަށެވެ.

ޔަޝްފާ ވިދާޅުވީ، މެމްބަރުން އިތުރުކުރުމަށް މާލެ އާއި ރަށްރަށުގައި "ޑޯ ޓު ޑޯ" ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށާއި، ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.

"އެބޭފުޅުންގެ [ރައްޔިތުންގެ] ދިރިއުޅުން ހުރި ގޮތުން، މި ދަތި އުނދަގޫ ހާލަތުން ތަރައްގީގެ ހާލަތަކަށް ބަދަލުކުރެވޭނީ ގާސިމް އިބްރާހިމް ކަމަށް ގަބޫލުކުރައްވަނީ"
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޕޮލިޓިކަލް އެފެއާޒް ޔަޝްފާ އަބްދުލްޣަނީ

ޔަޝްފާ އިތުރަށް ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ހާލަތު ބަދަލުކޮށްދެއްވާނެ ވެރިއަކީ ގާސިމް އިބްރާހިމްކަން ޔަގީންކުރައްވާ ކަމަށެވެ.

ޔަޝްފާގެ އިތުރުން، ފޯމުތައް ހުށައެޅުމަށް އީސީއަށް ދިޔަ ޓީމްގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެމްބަރު އަހުމަދު ޝާޒް (ތަޖޫ) ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އަނެއްކާ ވެސް ގިނަ ބަޔަކު އިތުރުވެގެން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ޑޯޓުޑޯއަށް ދިއުމުން އަޅުގަނޑުމެންނަށް އެނގުނު އެއްޗަކީ ޖުމްހޫރީ ޕާޓީއާއެކު ކުރިއަށްދާނެ ގިނަ ބަޔަކު އެބަ ތިބިކަން، ގާސިމް އިބްރާހިމްގެ ފަހަތުގައި ގިނަ ބަޔަކު އެބަ ތިބިކަން"
އަހުމަދު ޝާޒް (ތަޖޫ)

މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނަރަލް (އެސްޖީ) އަލީ އާރިފް ވިދާޅުވީ، މިދިޔަ ހަފުތާ އަދި މި ހަފުތާގައި ވެސް އެ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކެއް އީސީ އަށް ހުށައަޅާފައިވާ ކަމަށެވެ.

އަލީ އާރިފް ވިދާޅުވީ، މި ފޯމްތަކުގެ ތެރޭގައި އއ. އދ. ކ އަދި އެހެން ބައެއް އަތޮޅުތަކުގެ ރަށްރަށުން ވެސް ފޯމްތައް ހިމެނޭކަމަށެވެ. އޭނާ ވަނީ އއ. އދ. އަދި ކ އަތޮޅުގެ ރަށްރަށަށް ޖޭޕީގެ ޓީމްތަކުން ދަތުރުކޮށް "ޑޯ ޓު ޑޯ" ހަރަކާތައްތައް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޖޭޕީއަށް މެމްބަރުން އިތުރުކުރުމުގައި، ޕާޓީގެ ލީޑާރޝިޕުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން އާންމު މެމްބަރުން ކުރަމުން އަންނަ މަސައްކަތް އަލީ އާރިފް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމްގެ ލީޑަރޝިޕްގެ ދަށުން ހިންގަވާ ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި 3 ވަނައަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ.