ޓުޓޯ ސްޕޯޓުން ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްދޭ "ގޯލްޑަން ބޯއި" އެވޯޑް، ބާސެލޯނާ އާއި ސްޕެއިންގެ އުންމީދީ މިޑްފީލްޑަރު ޕެޑްރީ އަށް ލިބިއްޖެއެވެ.

ޔޫރަޕުގެ މަތީ ފަންތީގެ ލީގުތަކުގައި ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ މެދުގައި، އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ޕެޑްރީ ހޯދިއިރު އޭނާގެ އުމުރަކީ 18 އަހަރެވެ.

ޕެޑްރީ މި އެވޯޑް ހޯދީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންގަމް އާއި ވާދަކޮށް 199 ޕޮއިންޓާއެކުއެވެ. ރިޕޯޓުތައް ބުނާގޮތުން މިއީ ރެކޯޑް އަދަދެކެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަސް ޕާމާސް އިން ބާސެލޯނާއަށް ބަދަލުވި ޕެޑްރީ ދާދިފަހުން ވަނީ އެކުލަބާއެކު 1 ބިލިއަން ޔޫރޯގެ ރިލީޒް ކްލައުސް އެއް ހިމެނޭހެން އެއްބަސްވުން އައުކޮށްފައެވެ. އުންމީދީ މިޑްފީލްޑަރު ޕެޑްރީ އަށް މި އެވޯޑް ލިބުނުއިރު ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ހުރީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާއި ދުރުގައެވެ. އެހެންނަމަވެސް ފާއިތުވީ ސީޒަނުގައި ޕެޑްރީ ވަނީ ބާސާއަށް 53 މެޗު ކުޅެދީފައެވެ.

2003 ވަނަ އަހަރު ދޭންފެށި ގޯލްޑަން ބޯއި އެވޯޑް އެންމެ ފުރަތަމަ ހޯދީ ނެދަލެންޑްސްގެ ރަފައެލް ވެންޑާވާޓް އެވެ. އެއަށްފަހު ވޭން ރޫނީ އާއި ލިއޮނެލް މެސީގެ އިތުރުން ސާޖިއޯ އަގުއެރޯ ފަދަ ފިޓުބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންވެސް މި އެވޯޑް ހޯދާފައިވެއެވެ. އެންމެފަހުން މިއެވޯޑް ހޯދާފައިވަނީ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ތަރި އާލިންގ ބްރައުޓް ހާލަންޑެވެ.

ފާއިތުވީ ސީޒަނުގައި ޕެޑްރީ ވަނީ ބާސާގެ އެއްވެސް ކުޅުންތެރިއަކު ނުކުޅޭހާ ގިނަ މެޗުތައް ކުޅެ، ސްޕެއިން އާއިއެކު ޔޫރޯ 2020 ގައިވެސް މޮޅު ކުޅުމެއް ދައްކާ، އެގައުމާއެކު އޮލިމްޕިކްސްގެ ރިހި މެޑަލްވެސް ހޯދާފައެވެ. އަދި ޔޫރޯ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޕެޑްރީ އެވެ.