އިނގިރޭސިވިލާތުގެ ގައުމީ ޓީމާއެކު އެގައުމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ގެރެތް ސައުތްގޭޓް އެއްބަސްވުން އައުކޮށްފިއެވެ.

އުމުރުން 51 އަހަރުގެ ސައުތްގޭޓް އިންގްލެންޑާއެކު ހެދި އައު އެއްބަސްވުމުގެ ދަށުން އޭނާ އެގައުމުގެ ހެޑް ކޯޗުގެ މަގާމުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މަޑުކުރާނެއެވެ.

2016 ވަނަ އަހަރު އިންގްލެންޑުގެ ކޯޗުކަމުގެ މަގާމާއި ހަވާލުވި ސައުތްގޭޓް ކުރިން އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

އެއްބަސްވުން އައުކުރުމާއެކު އިންގްލެންޑުން ސައުތްގޭޓުގެ އިރުޝާދުގެ ދަށުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި. 2024 ވަނަ އަހަރުގެ ޔޫރޯ ކޮލިފިކޭޝަން މެޗުތައްވެސް ކުޅޭނެއެވެ. ސައުތްގޭޓުގެ އިތުރުން އިނގިރޭސި ޓީމުގެ އެސިސްޓަންޓް މެނޭޖަރ، ސްޓީވް ހޮލެންޑުވެސް ވަނީ އެއްބަސްވުން އައުކޮށްފައެވެ. އޭނާވެސް 2024 ވަނަ އަހަރުގެ ނިޔަލަށް އެޓީމުގައި މަޑުކުރާނެއެވެ.

ކޮންޓްރެކްޓް އައުކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ސައުތްގޭޓް ބުނީ އިނގިރޭސި ޓީމަށް އިރުޝާދުދޭން ފުރުސަތު ލިބުމަކީ ބޮޑު ފަހުރެއް ކަމަށާއި، ކުޅުންތެރިންނާއި ސަޕޯޓަރުން ދެމުންގެންދާ ހިތްވަރާއި އެހީތެރިކަމަށް ޝުކުރުވެރިވާކަމަށެވެ.

1995 ވަނަ އަހަރުން 2004 ވަނަ އަހަރުގެ ނިޔަލަށް ކުޅުންތެރިއެއްގެ ގޮތުގައިވެސް އިންގްލެންޑަށް ކުޅެފައިވާ ސައުތްގޭޓް ވަނީ މިހާ ތަނަށް އިނގިރޭސި ސީނިއަރ ޓީމުގެ އިތުރުން އެގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް އިރުޝާދު ދީފައެވެ. މީގެއިތުރުން އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ދެމެދު އިނގިރޭސި ޕްރިމިއަރ ލީގުގެ މިޑްލްސްބަރާ އަށްވެސް އިރުޝާދުދީފައެވެ.

ކޯޗެއްގެ ގޮތުގައި ސައުތްގޭޓް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޔޫރޯ 2020 ގައި އިންގްލެންޑުން ވަނީ ރަނަރަޕްކަން ހޯދާފައެވެ. މިއީ އިނގިރޭސި ގައުމީ ޓީމުން ފާއިތުވީ 55 އަހަރުގެ ތެރޭގައި ފުޓުބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެއިތުރުން އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑުން 2018/2019 ވަނަ ސީޒަނުގެ ޔޫއެފާ ނޭޝަންސް ލީގުގެ ތިންވަނަ ހޯދިއިރު އެގައުމުގެ ޒުވާން ޓީމުން ވަނީ 2016 ވަނަ އަހަރު ޓޫލޮން ޓޯނަމަންޓުވެސް ކާމިޔާބު ކޮށްފައެވެ.