ހުސްވެފައިވާ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމުގެ މަޝްވަރާތަކަށް، ޕީއެސްޖީގެ ކޯޗުގެ މަގާމުގައިހުރި މައުރީސިއޯ ޕޮޗެޓީނޯ ތައްޔާރަށް ހުރިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން، އެކުލަބުން ވަނީ މިމަހުގެ 21 ވަނަ ދުވަހު ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކޮށްފައެވެ. އެހެންކަމުން އައު ކޯޗެއް ހޯދުމާއި ހަމައަށް ވަގުތީގޮތުން ޓީމަށް އިރުޝާދު ދޭނީ މައިކަލް ކެރިކް ކަމަށް އެކުލަބުން ބުނެފައިވެއެވެ.

އައު ކޯޗެއް ހޯދުމުގެ މަސަައްކަތް ޔުނައިޓެޑުން ކުރަމުން އަންނައިރު، އެކުލަބުން ފާރަލާ ބައެއް ކޯޗުންގެ ނަންތައް ބޭރުގެ މީޑިއާތަކުން ލަފާކޮށްފައިވެއެވެ. އެގޮތުން ސްޕެއިންގެ ކޯޗް، ލުއިސް އެންރީކޭ އާއި ރެއާލް މެޑްރިޑްގެ ކޯޗް ޒައިނެއްދީން ޒިދާންގެ އިތުރުން ޕޮޗެޓީނޯ ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން 49 އަހަރުގެ ޕޮޗެޓީނޯ ޕީއެސްޖީގައި ހުރީ އުފަލަކުން ނޫނެވެ. ސަބަބަކީ ކޯޗެއްގެ ހައިސިއްޔަތުން ކުލަބުގެ ތެރޭގައި އޭނާގެ އޮންނަންޖެހޭ ބާރު ނޯންނާތިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޕީއެސްޖީގައި ކުލަބާއި ގުޅުންހުރި މުހިންމު ކަންތައްތަކާއި، ފުޓުބޯޅަ އާއި ގުޅުންހުރި އެންމެހާ ކަންތައްތަކުގައި ގޮތް ނިންމަނީ ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރ ލިއޮނާޑޯ އެވެ.

އެހެންކަމުން ޕޮޗެޓީނޯ އެކަމާ ހިތްހަމަނުޖެހިފައި ހުންނަކަމަށާއި، ޕީއެސްޖީގައި ހޭދަކޮށްފައިވާ މުއްދަތަށްވުރެ، ޕްރިމިއަރ ލީގުގައި ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި ހުރި 5 އަހަރުގައި ޕޮޗެޓީނޯ ހުރީ މާ ހިތްހަމަޖެހިފައިކަމަށް ވެއެވެ.

ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވުމަށް ޕޮޗެޓީނޯ ޝައުގުވެރިވާކަމަށް ރިޕޯޓުތައް ބުނާއިރު، ޕީއެސްޖީ އާއި ހަވާލުވިފަހުންވެސް ޕޮޗެޓީނޯ ހުންނަނީ ޕެރިސްގައި ހުންނަ ހޮޓަލެއްގައެވެ. އެހެންނަމަވެސް އޭނާގެ އާއިލާ ހުންނަނީ ލަންޑަންގައެވެ. އިނގިރޭސި ކުލަބުތަކަށް އިރުޝާދުދިނުން މާ ގަޔާވާކަން ޕޮޗެޓީނޯ އަބަދުވެސް ހާމަކުރާއިރު، ޕީއެސްޖީން ސީޒަންގެ މެދު ތެރެއިން ޕޮޗެޓީނޯ ދޫކުރަން ދެކޮޅު ހަދާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގެ ކޯޗުކަމާއި މިއަހަރު ޕޮޗެޓީނޯ ހަވާލުވި ހިސާބުންވެސް އޭނާއަށް އެކި ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ. އެގޮތުން ޕީއެސްޖީ ފަދަ ވަރުގަދަ ސްކޮޑެއް އޮތް ޓީމަކާ ހަވާލުވުމުގެ ގާބިލުކަން ޕޮޗެޓީނޯގެ ނެތްކަމަށާއި، އަދި މިހާތަނަށް އޭނާއަށް އެއްވެސް ކުލަބަކާއެކު ބޮޑު މުބާރާތެއްގެ ޓްރޮފީ ހޯދިފައި ނުވާކަން އެފަރާތްތަކުން ފާހަގަކުރިއެވެ.

ކޯޗިިންގ ކެރިއަރުގައި ޕޮޗެޓީނޯ ވަނީ މިހާތަނަށް 4 ޓީމަކަށް އިރުޝާދު ދީފައެވެ. އެގޮތުން 2009 ވަނަ އަހަރު އޭނާ ކޯޗިންގ ކެރިއަރު ފެށީ ސްޕެއިންގެ އެސްޕަނިޔޯލް އިންނެވެ. އެއަށްފަހު 2013 ވަނަ އަހަރު ސައުތެމްޕްޓަނާއި ހަވާލުވި ޕޮޗެޓީނޯ ވަނީ އެއްއަހަރުފަހުން ޓޮޓެންހަމާއި ހަވާލުވެފައެވެ. ޕީއެސްޖީ އާއި އޭނާ ހަވާލުވީ މިއަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު 18 މަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.