ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

ނައިބު ރައީސް މިކަމަށް ޝުކުރުއަދާކުރެއްވީ، މިހާރު އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެން އާއި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ބަންގްލަދޭޝުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ހާއްސަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު ނައިބުރައީސް ފައިސަލް ވަނީ އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ.

އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރގެ ވާހަކަފުޅުގައި މިއަހަރުގެ މާރޗު މަހު ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުން ފާހަގަކުރެއްވުމާއި ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ފާހަގަކުރުމުގެ އިޙްތިފާލުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޝިޕިންގ އަދި ޓެކްނިކަލް ޓްރޭނިން ދިނުން ފާހަގަ ކުރައްވާފައިވެއެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގައި ރަޖިސްޓްރީ ވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައި، އަދި ރާއްޖޭގައި ރަޖިސްޓްރީ ނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި އެބޭފުޅުން ވަނީ އެބޭފުޅުންނާއި ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަފުދުގެ ބޭފުޅުން ވަނީ ނައިބު ރައީސް ފައިޞަލް ނަސީމްގެ ޝަރަފުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ދެއްވި ހާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. ނައިބު ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނެވުމާއެކު އެގައުމުގެ ފޮރިން މިނިސްޓަރ ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރްހަބާ ދަންނަވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ، ނައިބު ރައީސް މިއަދު ވަނީ ބަންގަބަންދު ދާރުލްއާޘާރަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފަކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެތަނަށް ޒިޔާރާތްކުރައްވާ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އެއަށްފަހު، އެމަނިކުފާނު ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) އަށް ޒިޔާރަތް ކުރައްވާފަައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. އަދި އެތަނުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް، އިމްރާން އަހްމަދެވެ.

ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް، ބީ.ކޭ.ޓީ.ޓީ.ސީ.އަށް ކުރެއްވި ޒިޔާރަތުގައި، އެތަން ބައްލަވާ ލެއްވުމަށް ފަހު އެމަނިކުފާނު ވަނީ ރާއްޖޭގައި ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ހާއްސަކޮށް ސިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 24 ނޮވެންބަރު 2021 ގައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.