ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން ހޮވާ ކޮންމެ އަހަރެއްގައިވެސް ފުޓުބޯޅައިގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކަށްދޭ "ދަ ބެސްޓް" އެވޯޑަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް އިއުލާން ކޮށްފިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބާއްވާއިރު، ފަސް ކެޓަގަރީއަކަށް މި އެވޯޑް ދޭނެއެވެ. އެއީ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ އާއި، އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު އަންހެން ކޯޗު އަދި އެންމެ މޮޅު ފިރިހެން ކޯޗަށްދޭ ފީފާ "ދަ ބެސްޓް" އެވޯޑެވެ. މީގެއިތުރުން އެންމެ މޮޅު ގޯލް ކީޕަރުވެސް އަންހެން އަދި ފިރިހެން ދެ ކެޓަގަރީއިން ވަކިން ހޮވާނެއެވެ.

ކޮންމެ ކެޓަގަރީއަކުންވެސް ކުޅުންތެރިން ހޮވަނީ އެކަމަށްޓަކައި އެކުލަވާލާފައިވާ ތަޖުރިބާކާރުންގެ ހާއްސަ ޕެނަލް އަކުންނެވެ. އެ ޕެނަލްގައި ހިމެނޭ ބައެއް ފަރާތްތަކުގެ ތެރޭގައި، ޓިމް ކަހިލް، ޑޭވިޑް ޓްރެޒެގުއެޓްގެ އިތުރުން އެލެކްސީ ލަލާސް އަދި އެނިއޯލާ އަލޫކޯ ހިމެނެއެވެ.

ވަކި އިންސައްތައެއް އާންމުންގެ ވޯޓަށްވެސް ބިނާވާ މި އެވޯޑުގައި އާންމުންނަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކޮންމެ ކެޓަގަރީއެއްގެވެސް ތިން ފައިނަލިސްޓުން އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ދަ ބެސްޓް ފީފާ މެންސް ޕްލެޔަރ ނޮމިނީސް:

 • ކަރިމް ބެންޒެމާ (ފްރާންސް / ރެއާލް މެޑްރިޑް)
 • ކެވިން ޑިބްރޫނާ ( ބެލްޖިއަމް / މެންޗަސްޓަރ ސިޓީ)
 • ކްރިސްޓިއާނޯ ރޮނާލްޑޯ ( ޕޯޗުގަލް / މެންޗަސްޓަރ ޔުނައިޓެޑް)
 • ރޮބާޓް ލެވަންޑޮސްކީ (ޕޮލެންޑް/ ބަޔާން މިއުނިކް)
 • ލިއޮނެލް މެސީ ( އާޖެންޓީނާ / ޕީއެސްޖީ)
 • ނޭމާ (ބްރެޒިލް / ޕީއެސްޖީ)
 • އާލިންގ ބްރައުޓް ހާލަންޑް (ނޯވޭ / ބޮރޫޝިއާ ޑޯޓްމަންޑް)
 • ޖޯޖީނިއޯ (އިޓަލީ / ޗެލްސީ)
 • އެންގޯލޯ ކާންޓޭ (ފްރާންސް / ޗެލްސީ)
 • ކިލިއަން އެމްބާޕޭ (ފްރާންސް / ޕީއެސްޖީ)
 • މުހައްމަދު ސަލާހް (މިސްރު / ލިވަޕޫލް)

ދަ ބެސްޓް ފީފާ މެންސް ކޯޗް

 • އެންޓޯނިއޯ ކޮންޓޭ ( / އިންޓަރ / ޓޮޓެންހަމް ހޮޓްސްޕަރ)
 • ހަންސީ ފްލިކް (ޖަރުމަނު / ބަޔާން މިއުނިކް)
 • ޕެޕް ގާޑިއޯލާ (މެންޗަސްޓަރ ސިޓީ)
 • ރޮބާޓޯ މަންޗީނީ (އިޓަލީ)
 • ލިއޮނެލް ސެބާސްޓިއަން ސްކަލޯނީ (އާޖެންޓީނާ)
 • ޑިއޭގޯ ސިމިއޯން (އެތްލެޓިކޯ މެޑްރިޑް)
 • ތޯމަސް ޓުޗޭލް (ޗެލްސީ)

ދަ ބެސްޓް ފީފާ މެންސް ގޯލް ކީޕަރ

 • އެލިސަން ބެކާ (ބްރެޒިލް / ލިވަޕޫލް)
 • ޖިއާންލުއިޖީ ޑޮނަރުމާ (އިޓަލީ / އޭސީ މިލާން / ޕީއެސްޖީ)
 • އެޑުއާޑް މެންޑީ (ސެނެގާލް / ޗެލްސީ)
 • މެނުއެލް ނޯއާ (ޖަރުމަނު / ބަޔާން މިއުނިކް)
 • ކެސްޕާ ޝްމައިކަލް (ޑެންމާކް / ލެސްޓަރ ސިޓީ)

މީގެއިތުރުން ފީފާއިން ވަނީ "ދަ ބެސްޓް ފީފާ ވިމެންސް ޕްލެޔަރ" އަށް ނޮމިނޭޓުވި 13 ކުޅުންތެރިންގެ ނަމާއި، "ދަ ބެސްޓް ފީފާ ވިމެންސް ކޯޗް" އަށް ނޮމިނޭޓުވި 5 ކޯޗުންގެ ނަންވެސް އިއުލާން ކޮށްފައެވެ. އަދި "ދަ ބެސްޓް ފީފާ ވިމެންސް ގޯލްކީޕަރ) އަށް ނޮމިނޭޓުވި 5 ކުޅުންތެރިންގެ ނަންވެސް އިއުލާން ކޮށްފައިވެއެވެެ.

އެންމެފަހުން މި އެވޯޑް ދީފައިވަނީ 2020 ވަނަ އަހަރުއެވެ. އެފަހަރު އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ރޮބާޓް ލެވަންޑޮސްކީ ހޮވުނުއިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ އިނގިރޭސިވިލާތުގެ ލޫސީ ބްރޮންޒް އެވެ. އަދި އެންމެމޮޅު ފިރިހެން ކޯޗަކަށް ޔާގެން ކްލޮޕް އަދޮ އަންހެން ކޯޗަކަށް ސެރީނާ ވިއެގްމަން އެވެ.

އަދި އެންމެމޮޅު ފިރިހެން ކީޕަރަކަށް މެނުއަލް ނޯއާ ހޮވުނުއިރު އެންމެމޮޅު އަންހެން ކީޕަރަކަށް ހޮވުނީ ފްރާންސްގެ ސަރާ ބޮއުހައްޑީ އެވެ.