ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ވަޅުލީ، އޭނާގެ ހިތް ނަގާފައިކަން ހާމަވެއްޖެއެވެ.

އުމުރުން 60 އަހަރުގައި މަރުވި މަރަޑޯނާ ސީދާ މަރުވި ސަބަބާއި މެދު ގިނަ ފަރާތްތަކުން ދަނީ އެކިފަރާތްތަކަށް އެކިއެކި ތުހުމަތު ކުރަމުންނެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަރަޑޯނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންކަމަށް އާޖެންޓީނާގެ މީޑިއާތަކުން އޭރު ބުނަމުންދިޔައެވެ. އަދި މަރަޑޯނާ މަރުވުމުގެ ކުރިން ހަމަ އެމަހުގެ ކުރީކޮޅު ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުން ބޮޑު އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އޭނާ މަރުވީ މި އޮޕަރޭޝަން ކުރިތާ ދެ ހަފުތާ ފަހުންނެވެ.

އެހެންނަމަވެސް މީޑިއާތަކަށް ދެން ތިލަވީ މިމަރުގައި ބައެއްގެ އިހުމާލުވާކަމުގެ ވާހަކައެވެ. އެގޮތުން އެންމެފަހުވަގުތު މަރަޑޯނާއަށް ހޮސްޕިޓަލުގައި ފަރުވާދިން ޑޮކްޓަރުންގެ މައްޗަށް ތުހުމަތުތަކެއް ކުރިއިރު، އޭގެ 4 ދުވަސްފަހުން މަރަޑޯނާގެ ޑޮކްޓަރު ލިއޯޕޮލްޑޯ ލްކްއީގެ މައްޗަށް ފަރުވާ ބެހެއްޓުމުގެ ވާޖިބެއް އޮތް ހާލަތުގައި އެވާޖިބަށް އިހުމާލުވުމުގެ ދައުވާ އުފުލާފައިވެއެވެ.

މިހާތަނަށް އައިއިރުވެސް މިފަދަ އެތައް ތުހުމަތުތަކެއް އެކި ފަރާތްތަކަކަށް ކުރަމުން އަންނައިރު، މަރަޑޯނާ މަރުވިތާ ގާތްގަނޑަކަށް އަހަރެއްވީފަހުން އަނެއްކަވެސް މި މަރާ ގުޅުންހުރި އެހެން ވާހަކަތަކެއް މިވަނީ ފެންމަތިވެފައެވެ.

އާޖެންޓީނާގެ ނޫސްވެރިއެއް އަދި ޑޮކްޓަރެއް ކަމުގައިވާ ނެލްސަން ކާސްޓްރޯ ލިޔެފައިވާ ފޮތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަކުން އަނެއްކާވެސް މަރަޑޯނާގެ ވާހަކަތައް މީސްމީޑިއާގައި ފެތުރެންފަށާފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުށްޓިފައެވެ.

ކާސްޓްރޯގެ ފޮތުގައި ބުނެފައިވާގޮތުން މަރަޑޯނާ ވަޅުލާފައިވަނީ އޭނާގެ "ހިތް" ހަށިގަނޑާއި ވަކިކުރުމަށްފަހު ހިތް ނުލައެވެ.

މި ފޮތުގައި ބުނެފައިވާގޮތުން، މަރަޑޯނާ ވަޅުލުމުގެ ކަންކަން ރާވަމުން ދަނިކޮށް، އާޖެންޓީނާގެ "ޖިމްނާސިއާ ލަ ޕްލާޓާ ބަރަ ބްރާވާސް" ނަމަކަށް ކިޔާ ގްރޫޕަކުން ދިޔައީ މަރަޑޯނާގެ ހިތް ވަގަށް ނެގުމަށް ރާވާމުންނެވެ. އަދި މި ގްރޫޕުން ރާވާފައިވަނީ މަރަޑޯނާ ވަޅުލުމުން، ވަޅުލާފައިވާ ތަނަށްވަދެ، މަރަޑޯނާގެ މަހާނަ ކޮނެގެން އެކަން ކުރުމަށެވެ.

އެހެންނަމަވެސް މި ގުރޫޕަށް މިކަން ކާމިޔާބުނުވީ އެމީހުންގެ ރޭވުންތައް ކަމާބެހޭ ބައެއް ފަރާތްތަކަށް ފަޅާއެރުމުން، އެފަރާތްތައް މަރަޑޯނާ މަރުވުމުގެ ކުރިން އޭނާގެ ހިތް ނަގާ ރައްކާކުރުމުންނެވެ. އަދި މީގެއިތުރުން ބައެއްކަހަލަ "ސަޓަޑީސް" ތަކަށާއި، މަރަޑޯނާގެ މަރާއި ގުޅުންހުރި ބައެއް ހޯދުންތައް ހޯދުމަށްވެސް އޭނާގެ ހިތް ބޭނުންކޮށްފައިވާކަމަށް ކާސްޓްރޯގެ ފޮތުގައި ބުނެފައިވެއެވެ.

އާންމުކޮށް އިންސާނެއްގެ ހިތުގެ ބަރުދަނުގައި 300 ގްރާމް ހުންނަކަމަށް ސިއްހީ ހޯދުންތަކުން ދައްކާއިރު، މަރަޑޯނާގެ ހިތުގައި ބައި ކިލޯ ހުރިކަމަށް ކާސްޓްރޯ ބުނެފައިވެއެވެ. އަދި އެތްލީޓެއްގެ ހިތަކީ، އެކުރާ ކަސްރަތާއި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ބަރުވާ އެއްޗަކަށްވީނަމަވެސް މަރަޑޯނާގެ ހިތް ހާ ބަރު ނޫންކަން ކާސްޓްރޯ ފާހަގަކޮށްފައިވެއެވެ.

މަރަޑޯނާގެ މަރާއެކު ގިނަބައެއް އެހިތާމައިގައި ބައިވެރިވެފައިވާއިރު އޭނާގެ ޝަރަފުގައި ނާޕޯލީގެ ސޭން ޕައޮލޯ ސްޓޭޑިއަމްގެ ނަން ޑިއެގޯ އަރްމަންޑޯ މަރަޑޯނާގެ ނަމަށްވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ދިޔައީ މަރަޑޯނާގެ ޝަރަފުގާ، ފުޓުބޯޅައިން 10 ނަމްބަރު ރިޓަޔަރ ކުރުމަށްވެސް ގޮވާލަމުންނެވެ.

އާޖެންޓީނޯސް ޖޫނިއާސް އިން 1976 ވަނަ އަހަރު ސީނިއަރ ކެރިއަރުފެށި މަރަޑޯނާ އެންމެފަހުން ފުޓުބޯޅަ ކުޅެފައިވަނީ ބޮކާ ޖޫނިއާސް އަށެވެ. މަރަޑޯނާ ފުޓުބޯޅަ ކުޅުން ހުއްޓާލީ 1997 ވަނަ އަހަރުއެވެ. ކެރިއަރުގައި އޭނާ އެންމެގިނަ މެޗު ކުޅެދީފައިވަނީ އިޓަލީގެ ނާޕޯލީއަށެވެ.