މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ނައިބު ރައީސް މަހްރާން މުހައްމަދު މާޖިދު އިސްތިއުފާ ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްރާން އިސްތިއުފާ ދީފައިވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

މަހުރާން ވަނީ މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އުފެއްދުމުގައި މުއައްސިސެއްގެ ހައިސިއްޔަތުން ވަރަށް އިސް ދައުރެއް އަދާކޮށްފައެވެ. އަދި ޔޫނިއަން ކުރިއެރުވުމަށްޓަކައި ގިނަ ހިދުމަތްތަކެއް މަހްރާން ކޮށްދީފައި ވާކަމަށް އެމްޔޫއެމް އިން ބުނެއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އަށް މަހްރާން ކޮއްދެއްވާފައިވާ އެންމެހާ ކަމަކަށް ޔޫނިއަންގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށް އެ ޔޫނިއަން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފަވެއެވެ.

ނައިބު ރައީސް ކަމުން މަހްރާން އިސްތިއުފާ ދިނުމާއިއެކު ހުސްވި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން، ޔޫނިއަންގެ އީ-މެއިލް އެޑްސް ([email protected]) އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޔޫއެމުން ބުނެފައިވެއެވެ.

ހުސްވި މަގާމުގެ އިންތިހާބު، އެންމެ އަވަހަށް ބޭއްވޭ އަހަރީ އާންމު ޖަލްސާގައި ކުރިއަށް ގެންދާނެ ކަމަށް ޔޫނިއަންއިން އުންމީދުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މަހްރާން މުހައްމަދު މާޖިދަކީ ދިވެހިންގެ ތެރޭގައި މަގުބޫލުވެގެން ދިޔަ އަމިއްލަ ރާގުގެ ގިނަ ލަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ފިރިހެން ދަރިފުޅެވެ. އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ މީރާ ގެ ކޮއްކޮއެވެ.