ސްރީ ލަންކާގައި މިމަހު ކުރިއަށްދިޔަ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ރާއްޖެއިން ކުޅުނު އެންމެ ފަހު މެޗުގައި ސީޝެލްސް އާއި ދެކޮޅަށް ނުކުމެ، އެޓީމުގެ ކުޅުންތެރިއަކަށް ރާއްޖޭގެ މިޑްފީލްޑަރު އަސްހަރު އަލީ (އަޑުބަރޭ) ދިން ހަމަލާގެ މައްސަލަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީން ބަލަން ފަށައިފިއެވެ.

ސީޝެލްސް އަތުން މޮޅުވެ ފައިނަލަށްދިއުމުގެ ފުރުސަތު ރާއްޖެއަށް އޮތް މިމެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މަދުން ނަމަވެސް ދިވެހި ޓީމަށް ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު މިމެޗުގައި އަޑުބަރޭ ކުޅެން އަރުވާފައިވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. ކުޅެން އެރިތާ ގާތްގަނޑަކަށް 20 ވަރަކަށް ސިކުންތުގެ ތެރޭގައި އަޑުބަރޭ އަށް ރަތްކާޑެއް ރެފްރީ ދެއްކީ، ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ކުޅުމުން ބޭރުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.

އަޑުބަރޭ ކުޅެން އެރުވިފަހުން 46 ސިކުންތު ވަންދެން ކުޅުން މެދުކަނޑާލާފައި އޮތެވެ. އެއީ ކުޅުންތެރިން ބަދަލުކުރުމުގައި މެޗުގެ 4 ވަނަ ރެފްރީއަށް، ކުޅުންތެރިންގެ ނަމްބަރު، ބޯޑުގައި ޖެހުމުގައި އެރި ކޮމްޕްލިކޭޝަންތަކެއްގެ ސަބުބަނުން އެކަން ހައްލުކުރުމަށްޓަކައެވެ.

އެކަން ހައްލުކުރުމަށްފަހު އަލުން ކުޅުން ފެށިތާ 20 ސިކުންތުގެ ތެރޭގައި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަނަށް އުޅަނބޮށިން ހަމަލާދީފައެވެ. އޭރު މަންޒަރުފެން ހިސާބުގައި ރެފްރީވެސް ހުރުމުން، ރެފްރީ ވަނީ ލަސްތަކެއް ނުކޮށް، އަޑުބަރޭއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. އެހެންކަމުން ކާޑު ދެއްކުމަށް ހޭދަވި ވަގުތާ ލައިގެންވެސް، އޭނާ ކުޅެންއެރިތާ 25 ވަރަކަށް ސިކުންތުގެ ތެރޭގައި އަޑުބަރޭއަށް ވަނީ ރަތްކާޑެއް ލިބިފައެވެ.

މިއާއެކު ގިނަ ދިވެހި ސަޕޯޓަރުންގެ އިތުރުން ދިވެހި ފުޓުބޯޅައިގެ މާހިރުންގެވެސް ފާޑުކިޔުންތައް އަޑުބަރޭއަށްވަނީ އަމާޒުވެފައެވެ. އަދި އޭނާ އެކުރީ ބޭރުބައެއްގެ ކުރިމަތީގައި ރާއްޖޭގެ އަގުވެއްޓޭފަދަ އަމަލެއްކަމަށްބުނެ، ފުޓުބޯޅައިން އޭނާއަށް އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް ބައެއް ފަރާތްތަކުން ދިޔައީ ގޮވަމުންނެވެ.

ހާއްސަކޮށް އަޑޭ އަކީ ރާއްޖޭގެ ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުރި ފަރާތަކަށްވުމުން، އެފަދަ މަގާމެއްގައި ހުރި އަޑޭގެ އަމަލަށް ޔޫތް މިނިސްޓްރީންވެސް ފިޔަވަޅު އަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު އުފުލާފައިވެއެވެ. އެހެންނަމަވެސް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހުލޫފް ވިދާޅުވީ، މި މައްސަލައިގައި ޔޫތް މިނިސްޓްރީން ފިޔަވަޅު ނާޅާނެ ކަމަށާއި އަދި އެކަން ކުރަން ހާއްސަ ފަރާތްތައް ތިއްބަވާނެ ކަމަށެވެ. މަހުލޫފް ވިދާޅުވީ މެޗެއްގެ ތެރޭން ހިނގާ ކަމަކަށް ފިޔަވަޅު އަޅާނީ ޔޫތު މިނިސްޓްރީން ނޫން ކަމަށެވެ.

އެ މައްސަލަ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން މިހާރު ބަލަމުން އަންނައިރު، އާދީއްތަ ދުވަހުގެރޭ އުމުރުން 34 އަހަރުގެ އަޑުބަރޭ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ފޯނޭޝަންސް ކަޕުގައި އަޑުބަރޭގެ ފަރާތުން ފެނިގެންދިޔަ މި ހުތުރު އަމަލުގެ ސަބަބުން ގިނަބައެއް ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވާއިރު، މިދިޔަ މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައިވެސް އަޑުބަރޭއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން މީގެ ކުރިން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު އަޑުބަރޭ އަލުން ގައުމީ ޓީމަށް ނެގުމާއެކުވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އަޑުބަރޭ އަލުން ގައުމީ ޓީމުގައި ހިމެނިގެން ކުޅެމުން އަންނައިރު، 2018 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުއްޓެވެ. އެއަށްފަހު އަޑުބަރޭ ވަނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ކުލަބު އީގަލްސްއާ ގުޅެފައެވެ. ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުތަކުގައި އަޑުބަރޭ ފުރަތަމަ އެގާރައިގައި ހިމެނި ނަމަވެސް، މިހާރުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ މި މުބާރާތުގައި އޭނާ ފުރަތަމަ އެގާރައިގައި ބޭނުންކޮށްފައެއް ނުވެއެވެ.