ޤާނޫނަކުން ގަވާއިދަކުން ކަމެއް މަނާކޮށްފިނަމަ ގިނަބައެއްގެ ސަމާލުކަން އެކަމަކަށް ހުއްޓޭނެއެވެ. ސަބަބަކީ އެ ޤާނޫނާ ނުވަތަ ގަވާއިދާ ޚިލާފްވެއްޖެނަމަ އެކަމުގެ ސަބަބުން އަދަބެއް ލިބޭނެތީވެއެވެ. ޖޫރިމަނާ ކުރާނެތީއެވެ. ނޫނީ ހައްޔަރުކޮށްފާނެތީއެވެ.

އެހެންނަމަވެސް ދަންނާންޖެހޭ އެހެން ހަގީގަތެއް އެބަ އޮތެވެ. އެއީ، މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ޤާނޫނުތަކާއި ގަވާއިދުތައް ވުޖޫދަށް އައުމުގެ މާކުރިން އިލާހީ ޤާނޫނު ވުޖޫދުވެފައިވާއެވެ. ދިރިއުޅުމުގެ އެންމެ ރިވެތި ސިފަތަކާއި އަދަބުތައް އެވަނީ މާކުރިން ބަޔާންކޮށްދީފައެވެ. އެގޮތުން އާންމުކޮށް ޚަބަރުލިބޭ މަގުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށް މަގުމަތީގެ އަދަބުތަކެއް ވެސް އެންމެ މަތިން އެ ވަނީ އަންގަވާފައެވެ.

ކޮންމެވެސް ދިމާލެއްގައި މަގުމަތީގެ އެކްސިޑެންޓެއް ހިނގި ޚަބަރު ނުލިބޭ ދުވަހަކަށް އިރު ނާރައެވެ. ދަންނަވަންތޯއެވެ؟ ކީރިތި މާތް ރަސޫލާ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޡްކުރެއްވިއެވެ. "މަގުމަތީގައި ތިބޭތިބުމާ މެދު ތިޔަބައި މީހުން ސަމާލުވާށެވެ!" އެބޭކަލުން ދެންނެވިއެވެ. "އަހަރެމެން ބޭނުންވަނީ، އެތަނުގައި (މަގުމަތީގައި) ތިބެ އަހަރެމެންގެ ކަންކަމާމެދު މަޝްވަރާތައް ކުރާށެވެ" މާތް ރަސޫލާ ﷺ ޙަދީޡްކުރެއްވިއެވެ. "ތިޔަބައިމީހުން މަގުމަތީގައި ތިބޭކަމުގައި ވާނަމަ، މަގުން ހިނގާ މީހުންނަށް އެބައިމީހުންގެ ޙައްޤުތައް ދޭށެވެ" އެބޭކަލުން ދެންނެވިއެވެ. "މަގުހިނގާ ބިނގާވާ މީހުންގެ ޙައްޤުތަކަކީ ކޮބާތޯއެވެ؟" އެހިނދު ކީރިތި ރަސޫލާ ﷺ ހަތަރު ކަމެއްގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ. "ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ. ދުއްތުރާތަކުން އެބައިމީހުން ރައްކާތެރިކުރާށެވެ. ސަލާމަށް ރައްދުދޭށެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރާށެވެ."

ސުވާލަކީ ރަސޫލާ ﷺގެ މި އަމުރުފުޅަށް ތަބާވަނީ އަހަރެމެންގެ ތެރެއިން ކިތަށް މީހުންތޯއެވެ؟ މަގުން ހިންގާހާ މީހަކަށް ކަޅި ޖަހައިނުލައި ބެލުމަކީ ފުރަތަމަ އަމުރުފުޅާ ޚިލާފުވުމެވެ. އެކަމަކު މިއީ އާންމު ކަމެކެވެ. ހާއްސަކޮށް އަންހެނަކު މަގުމަތިން ހިނގާނަމަ ބައެއް މީހުންގެ ކަޅިތަކަށް ދަގައްފާނު ބާރުދޭ ކަހަލައެވެ. އެކަނބަލުންނަށް އުނދަގޫ ވާވަރަށް ބަލާ ބަޔަކު ބަލަން ތިބެއެވެ. އަދި ބެލުމަކުން ނިންމާ ނުލައެވެ. މަގުމަތިން ތުމުންފުމެ، ފޮށެ، ނޫނީ ކޮންމެވެސް ޖެއްސުމެއް ނުކޮށްލާ އެވެރިންގެ ހިތް ހަމަ ފުރޭ ކަމަކަށް ނުވެއެވެ. ނުވިތާކަށް ނުރުހުމުގައި ގައިގައި އަތްލާ، ޖިންސީ ފުރައްސާރަވެސް ކުރަނީއެވެ. އެކަމަކު އެންމެ ފުރިހަމަ ދީނުގެ އަހުލުވެރިން ކަމަށްވާ އަހަރެމެން މުސްލިމުން ވާންޖެހޭނީ ބެލުން ޙަރާމްވެގެންވާ ތަންތަނާއި ތަކެއްޗަށް ނުބަލައި ރައްކާތެރިވެގެންވާ ބައެއް ކަމުގައެވެ. އެކަމަށް ރައްކާތެރި ވެއްޖެނަމަ މަގު ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރިކަން އިޙްސާސް ކުރެވޭނެއެވެ.

ސޯސަން މަގުން --- ފޮޓޯ: ޒިދާން މުހައްމަދު/ ވީނިއުސް

މަގުމަތީގެ ގަވާއިދުތަކާއި އަދަބުތަކުގެ ވާހަކަ ދައްކާއިރު ދައްކާލަން އަދި ވަރަށް މުހިންމު ވާހަކައެއް އެބަ އޮތެވެ. ކަފިހި ހުރަސް ނުވަތަ އިނގިރޭސިން ކިޔާގޮތުންނަމަ "ޒިބްރާ ކްރޮސް" އަކީ ކޯއްޗެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ވަރަށް ސާފުކޮށް އެއްމެންނަށް ވެސް އެނގެން ޖެހޭ އެއްޗެކެވެ. ކަފިހި ހުރަހަކީ ހިނގާ މީހުން މަގުގެ އެއްފަރާތުން އަނެއްފަރާތައް ދިއުމަށް ނުވަތަ މަގު ހުރަސްކުރުމަށް ހާއްސަކޮށް ރީނދޫ ކުލައިން ނުވަތަ ހުދުކުލައިން ވިޔަސް މަގުގައި ޒިބްރާ ޕޭޓާނަށް ދަމާފައި ހުންނަ ރޮނގުތަކެކެވެ. މީހަކު މަގު ކުރަސްކުރުމަށް ކަފި ހުރަހެއް ކައިރި މަޑުކޮށްލައިފިނަމަ ނުވަތަ ކަފިހި ހުރަހަށް ފައި އަޅައިފިނަމަ ދުއްވާފައިދާ ވެހިކަލްތައް ކަފިހި ހުރަސް ކައިރިން ހުއްޓުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް މިއަދު މި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

މަޖީދީ މަގުން ރެޑްވޭވްއާ ދިމާލުގައި ހަދާފައިވާ ކަފިހި ހުރަހަށް ވާގޮތައް ހުއްޓިލައިގެން ސްކޫލް ކުއްޖަކު ގޮވައިގެން ބެލެނިވެރިޔަކު ހުއްޓާ ދުށީމެވެ. އެމީހުން ތިބީ ނިކަން އަވަހަށް މަގުހުރަސް ކުރުމުގެ ބޭނުމުގައިކަން އެނގުމުން ގޮސް އަހާލީމެވެ. "ދައްތަ މިތާ ހުންނަތާ ކިހާ އިރެއް ވެދާނެ؟" ޖަވާބުގައި އެ ދައްތަ ހިނިތުން ވެލާފައި ބުނެލިއެވެ. "ކޮއްކޯ، މީ ވާވަރު ކަމެއްނޫން، މިހާރު ފަނަރަވަރަކަށް މިނެޓް ވެދާނެ" އެވެ. އޭރުވެސް، ދުއްވާއެއްޗެހި ދުއްވާމީހުންބެލީ އެމީހުންގެ މަންޒިލަށް އަވަހަށް ދިއުމަށެވެ. ކަފިހި ހުރަހަށް މަޑު ކޮށްލުމެއް ނެތިއެވެ. އެމީހަކާ އެމީހެކޭ ބުނާ ކަހަލައެވެ. ކުރާނީ ކީއް ހެއްޔެވެ؟ މީގެ ކިތައް ދައްތަ މަގު ހުރަސްނުކުރެވިފައި ތިބޭނެބާއޭ ހިތައް އަރައެވެ. ދެން އުފެދޭ ސުވާލަކީ، ކަފިހި ހުރަހަކީ ކޮބައިކަން ދުއްވާ މީހުނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އެނގޭނަމަ މިގޮތައް މިއަދު ކަންތައް ވާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދުއްވާ މީހުން ދެއްވާށެވެ.

ދެން އޮތީވެސް ވަކި ކުޑަ ވާހަކައެއް ނޫނެވެ. މިހާރަކަށް އައިސް މާލޭގެ ޕާކިން ޒޯންތަކަށްދާ ބައެއް މީހުންނަށް ޖެހިފައިވާ "ތުރާ" ގެ ވާހަކައެވެ. "ތުރާލެކޭ" މި ދެންނެވީ ފަސޭހަ މަގު އޮއްވާ އެންމެންނަށް ވެސް އުނދަގޫ ގޮތަށް ކަންކުރާތީއެވެ. ސައިކަލު ފޮހެދެންތޯ އަހަމުން ފަހަތުން ދުވާ "ޕަޕަރާޒީންގެ" ވާހަކައެވެ. އާމްދަނީ ހޯދަން ރަނގަޅު މަސައްކަތެކެވެ. މަގުތަކުގައި ހިންގާފައި ދާހާ މީހެއްގެ ކިބައިން "20 ރުފިޔާ ދެއްވާށޭ" ބުނެ ސަލާންޖަހަމުން ހިންގުމަށްވުރެ ރަނގަޅެވެ. ހުސް ވަގުތުކޮށްލަން ވެސް ސަޅި މަސައްކަތެކެވެ. ދަންނަވަންތޯއެވެ. ޕާކުކުރަންދާ ކޮންމެ މީހަކު ސައިކަލު ސާފުކުރަން ބޭނުން ނުވެދާނެއެވެ. ފަހަތުން ނުދުވިޔަސް ބޭނުންވާ މީހަކުނަމަ އެކަމަށް އެދޭނެއެވެ. މިހާރު ކަން ހިނގާ ގޮތުން ސައިކަލު ޕާކު ނުކުރެވި އެތައް ވަގުތެއް އެބަ ގެއްލެއެވެ. އޮފީސް ގަޑި ޖެހޭތީ އަންނަ މީހާއަށް އެކަން ވާނީ ބޮޑު ތަކުލީފަކަށް ނޫންތޯއެވެ؟ "ޕަޕަރާޒީ" ނެހެދުނަސް މިކަންވެސް ކުރެވިދާނެ ނޫންތޯއެވެ؟

ސޯސަން މަގުން --- ފޮޓޯ: ޒިދާން މުހައްމަދު/ ވީނިއުސް

މަގުމަތިން އަދަބުކުޑަ އެތައްކަމެއް ފެނެއެވެ. އެހުރިހާ ކަމެއް ލިޔެ ނިމޭއިރު އަޅުގަނޑުގެ ގަލަމުން ދެލި ހުސްވެދާނެތީ ފަހަށް ރައްކާކުރުމުގެ ގޮތުން މި ވަގުތަށް ކުރުކޮށްލަން ގަސްދުކުރަމެވެ. އެކަމަކު އޭގެކުރިން އަދި ދެތިން ނުކުތާއެކެވެ. އެ ގޮތުން މަގުމައްޗަށް ކުނި އެޅުމާއި، ރަތްކުޅު ޖެހުން ފަދަ އަދަބާ ޚިލާފު ކަންކަމެވެ. މަގުމަތީގައި އަޑުގަދަ ކުރުމާއި، މާރާމާރީ ހިންގުމެވެ. މަގުމަތީގައި ހާމައަށް ފާހިޝް އަމަލުތައް ހިންގުމެވެ. ފޭރުމާއި ބިރުދެއްކުމާއި ކަޓަރު އެޅުން ފަދަ ނުރައްކާތެރި ކަންކަން ވެސް ފާހަގަކޮށްލަމެވެ.

މަގުތަކުގެ އަމަންއަމާންކަން ގެއްލި، މަގުތަކަކީ އަންހެނުންނާއި ކުޑަކުދިންނަށް ނުރައްކާތެރިތަނަކަށް ވެފައިވާ ކަމުގައި މިއަދު ހަމަކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. މަގުތައް އަމާންކުރުމަށް ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި ވީނަމަވެސް އޭގެ ނަތީޖާ ފެނިގެން ނުދަނީ އަޚްލާޤީ ރީތި ސިފަތަށް މީސްތަކުންގެ ގައިގާ ހަރުލާފައި ނެތުމުންކަމީ ދަންނާން ޖެހޭ ހިތި ހަގީގަތެވެ.