ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު، ރެކޯޑް އަދަދެއްގެ ރާޅާއެޅުންތެރިންނާއެކު، ގައުމީ ސާފިންގ މުބާރާތް ފަށައިފިއެވެ.

ސީސްޕޯޓްސް ރަންނަމާރި ޗެލެންޖުގައި ނަމުގައި މިއަދު ފެށި މި މުބާރާތުގައި 102 ސާފަރުން ވާދަކުރާނެއެވެ. އެއީ 14 ރަށަކަށް ނިސްބަތްވާ ޓީމުތަކަކުން، 25 ރަށަކަށް ނިސްބަތްވާ ސާފަރުންނެވެ.

މީގެ ތެރޭގައި ސާފިންގައި މަގުބޫލު ރަށްތަކުން ގިނަ އަދަދެއްގެ ރާޅާ އެޅުންތެރިން ބައިވެރިވެ އެވެ. އަދި ސަރުކާރުގެ ހަރަދުގައި ސާފިން ޑެކް ގާއިމްކުރި ރަށްރަށަށް ނިސްބަތްވާ ސާފަރުން ހިމެނެ އެވެ.

މިފަހަރުގެ މުބާރާތުގައި އިންސާފުކުރާނީ ޑިޖިޓަލް ސްކޯރިން ސިސްޓަމަކުން، އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑް، ރާއްޖެ އަށް ނިސްބަތްވާ ޖަޖުންގެ ޕެނަލަކުންނެވެ. މިއީ ޑިޖިޓަލްކޮށް މި މުބާރާތުގެ މާކްސް ގުނާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް، އަންހެން ސާފަރުންނަށް ފުރުސަތު ހުޅުވާލާފައިވާ، އަންހެން އޯޕަން ކެޓަގަރީވެސް ވަނީ ތައާރަފްކޮށްފައެވެ. މިއީ ރާއްޖޭގައި ރާޅާއެޅުމަށް ލޯބިކުރާ އަންހެން ސާފަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

މި މުބާރާތް ހޯމަ ދުވަހު ފެށުމަށް އެެންމެފުރަތަމަ ތާވަލުކުރިނަމަވެސް، މި މުބާރާތުގައި ގިނަ އަދަދެއްގެ އައު ރާޅާއެޅުންތެރިން ބައިވެރިވާތީވެ، އެ ފަރާތްތަކަށް ތައްޔާރުވުމަށް، އަދި އެހެން ރަށްރަށުގައި ރާޅާ އަޅާ ފަރާތްތަކަށް މުބާރާތް ބާއްވާ ސަރަހައްދަށް ހޭނުމަށް ވަގުތުދިނުމުގެ ބޭނުމުގައެވެ.

މުބާރާތުގެ ޖޫނިއާ ބައިގައި މި ފަހަރު 26 ރާޅާއެޅުންތެރިން ބައިވެރިވެ އެވެ. މިއީ ކުރިން ވެސް ތަރުހީބު ބޮޑު ޑިވިޝަނެކެވެ. ފިރިހެނުންގެ ޝޯޓް ބޯޑް އޯޕަން ޑިވިޝަނުގައި މި ފަހަރު ވެސް ގިނަ ސާފަރުން ވާދަކުރާނެ އެެވެ. އެ ބައިގައި މި ފަހަރު 48 ސާފަރުން ހިމެނެ އެވެ.

ފުރަތަމަ ފަހަރަށް އަންހެން އޯޕަން ޑިވިޝަން ބާއްވާއިރު، އެ ބައިގައި ހިމެނެނީ ފަސް ސާފަރުންނެވެ. އެންމެ ފޯރިގަދަ އެއް ޑިވިޝަން ކަމަށްވާ މާސްޓާސް ޑިވިޝަނުގައި ހިމެނެނީ 21 ސާފަރުންނެވެ. މި ޑިވިޝަނުގައި ވާދަކުރާނީ ތަޖުރިބާގެ ގޮތުން ބަލާއިރު، އެންމެ ފުންނާބު އުސް ރާޅާ އެޅުންތެރިންނެވެ.

މި ފަހަރުގެ މުބާރާތުގައި ސާފަރުން ވާދަކުރާ ރަށްތަކަށް ބަލާއިރު، ހއ. ތުރާކުނު، ށ. މިލަންދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ނައިފަރު، ބ. އޭދަފުށި، ކ. ހިންމަފުށި، ކ.ގުޅި، އދ. އޮމަދޫ، ތ. ކަނޑޫދޫ، ލ، މާބައިދޫ ގދ. ގައްދޫ، ގދ. ވާދޫ، ރ. ރަސްމާދޫ، ނ. ކުޑަފަރި އަދި ކ. ގުރައިދޫ، މ. މުލަކު، މ. މުލި، ދ. ކުޑަހުވަދޫ، ފޭދޫ، ހިމެނެ އެވެ.

މި ފަހަރުގެ މުބާރާތުގައި މާލެ ފިޔަވައި އެންމެ ގިނަ އެތުލީޓުން ހިމެނެނީ ގދ. ގައްދޫ އިންނެވެ. ގިނަ ޒުވާނުން ސާފްކުރަން ޝައުގުވެެރިވާ އެ ރަށުން މި ފަަހަރުގެ ގައުމީ މުބާރާތަށް 10 ރާޅާ އެޅުންތެރިން ވަނީ އައިސްފަ އެވެ.

އެންމެ ގިނަ ސާފަރުން އެއް ސަރަަހައްދަކުން ވާދަކުރާނީ މާލެ އިންނެވެ. މާލެ ސިޓީ އަށް ނިސްބަތްވާ 44 ސާފަރުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާނެ އެވެ. މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ މި މަހު 30 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ.