ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ބީޗް ވޮލީބޯޅަ ޓުއާގެ މުބާރާތެއް އަންނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދަން ތާވަލުކޮށްފިއެވެ.

މިއީ އޮކްޓޯބަރު މަހު އެފްއައިވީބީގެ ރައީސް، އަރީ ގްރާސާ ރާއްޖެއަށް ކުރި ދަތުރުގެ ތެރެއިން މަޝްވަރާކޮށްފައިވާ ކަމެކެވެ. އަދި މިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ހޯމަ ދުވަހު އެފްއައިވީބީން އިއުލާންކުރި ކަލަންޑަރުގައި ރާއްޖޭގައި މި ޓުއާގެ މުބާރާތެއް ބާއްވަން ތާވަލުކޮށްފައިވާކަން ހިމަނައިގެންނެވެ.

އެގޮތުން ބީޗް ވޮލީ ޓުއާގެ މުބާރާތެއް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13-16 އަށް ކުރިއަށްގެންދަން ވަނީ ތާވަލުކޮށްފައެވެ. މިއީ އެފްއައިވީބީން ބާއްވާ މި ފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާނެ ފުރަތަމަ ފަހަރެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގެ ކުޅުންތެރިންނަށް މި އިވެންޓުގައި ފުރުސަތު ލިބޭނީ ވައިލްޑް ކާޑް އެންޓްރީއެއްގައެވެ.

ޖުމްލަ ތިން ބައެއް މި ޓުއަރ ގައި ކުރިއަށްދާއިރު ރާއްޖޭގައި ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވަނީ ޗެލެންޖާސްގެ ބައެވެ. ޗެލެންޖާސްގެ އިތުރުން ބީޗް ވޮލީބޯޅަ ޓުއަރ ގައި ދެން ކުރިއަށް ގެންދާނީ ފިއުޗާ އާއި އެލީޓް 16 ބައެވެ.

ރާއްޖޭގެ އިތުރުން ޗެލެންޖާސް ބައި ދެން ބާއްވާނީ މެކްސިކޯ އާއި، ބްރެޒިލާއި، މިސްރާއި، ޗައިނާ އަދި އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޓުއާގެ މުބާރާތްތައް ދެކުނު އެފްރިކާ އާއި، ޗެކް ރިޕަބްލިކާއި، ލަޓްވިއާ އާއި، ސްވިޓްޒަލެންޑާއި، ޖަރުމަން އަދި ފްރާންސްގައި ކުރިއަށްގެންދިޔުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބީޗް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް ޖޫން މަހު އިޓަލީގެ ރޯމުގައި ކުޅެންވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ބީޗްވޮލީ ކުރިއަރުވާ ފުޅާކުރުމަށް، ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެ އެސޯސިއޭޝަންގެ އެންމެ ބޮޑު އަމާޒަކީ، 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލެސްގައި ބާއްވާ އޮލިމްޕިކް ގޭމްސްއަށް ރާއްޖޭގެ ބީޗް ވޮލީ ޓީމެއް ތައްޔާރުކުރުމެވެ.

މި އަމާޒަށް ވާސިލުވުމަށް ވީއޭއެމް އިން މަސައްކަތް ކުރަމުން އަންނައިރު އެކަމަށް މިހާތަނަށް ލިބިފައިވާ އެންމެބޮޑު ކުރިއެރުމަކީ، އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ބީޗް ވޮލީ ކުރިއަރުވަން ގިނަ މަޝްވަރާތަކެއް ކުރައްވާ، ވީއޭއެމް އާއިއެކު އެފްއައިވީބީން އެއްބަސްވުމެއްގައި ސޮއިކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އަދި ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުމުގެ ފެންވަރު މަތިކުރުމާއި، ގްރާސްރޫޓުން ފެށިގެން މަތީ ފެންވަރާ ހަމައަށް ބީޗް ވޮލީބޯޅައިން ކުޅުންތެރިން ތަމްރީނުކުރުމުގެ މަސައްކަތްތަކަށް ކުރިއެރުން ހޯދުމަށްވެސް ވަނީ އެއްބަސްވެފައެވެ.