ދައުލަތުގެ ޚަރަދުތައް މެނޭޖުކުރުމަށް ފައިސާ ޗާޕްކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފިއެވެ.

މި ހުއްދަ ފިނޭންސްއަށް ދީފައިމިވަނީ ދައުލަތުގެ ހަރަދުތައް ދެމެހެއްޓުމަށްޓަކައި އިތުރަށް ފައިސާ ޗާޕު ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީން ތިންވަނަ ފަހަރަށް ހުށަހެޅި މިންވަރު ކުޑަކޮށެވެ.

ފައިސާ ޗާޕްކުރުމުގެ ހުއްދަ މަޖިލީހުން ދިނުމަށް ފެންނަކަމަށް 42 މެންބަރަކު ވަނީ ވޯޓް ދިފައެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ 2 މެންބަރުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ މި އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކުން އޯވާޑްރޯވެފައި ހުރި މިންވަރު ސެކިޔުރިޓައިޒްކޮށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒިން ބޮންޑަކަށް ހެދުމަށާއި އޯވަޑްރޯ ކުރެވޭ އަދަދު 3.5 ބިލިއަން ރުފިޔާ އަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމެޓީން ވަނީ އެމްއެމްއޭގެ ގަވަރުނަރާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އޮޑިޓާ ޖެނެރަލް ހާޒިރުކޮށް އެކަމުގައި އަމަލުކުރަންވި ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

މަޝްވަރާތަކަށް ފަހު ކޮމެޓީން ފާސްކުރީ ފިނޭންސުން އެދުނު 3.5 ބިލިއަން ރުފިޔާ 2.5 ބިލިއަން ރުފިޔާއަށް ކުޑަ ކޮށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބައެއް މާއްދާތަކަށް އަމަލުކުރުން ފަސްކުރާ އިސްތިސްނާގެ މުއްދަތު 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ.