ސްރީލަންކާގައި ފެރީއެއް ބަންޑުން ޖަހާލައި މަދުވެގެން 6 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ސްރީލަންކާގެ ކިއްނިޔާ ޓައުންގައި މިއަދު ހެނދުނުއެވެ.

ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލްޑުވާ ވިދާޅުވީ، ބަންޑުން ޖަހާލި ފެރީ ދަތުރުކުރީ ކޯރެއް ހުރަސްކޮށް އެ ކޯރުގެ އަނެއް ފަރާތުގައި ހުރި ސްކޫލަކަށް ދަރިވަރުން ގެންދިއުމަށް ކަމަށެވެ.

ބަންޑުން ޖަހާލިއިރު ފެރީގައި ގިނައިން ތިބީ ކިޔަވާ ކުދިންނާއި ޓީޗަރުން ކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

އަވަށުގެ މީހުންނާއި، ފުލުހުންނާއި އަދި ކަނޑުގެ ސިފައިންވެގެން ކުރި މަސައްކަތުން 14 މީހުން ސަލާމަތް ކޮށްފައި ވެއެވެ. އޭގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާގައި މަރުވި 6 މީހުންގެ ތެރޭގައި 4 ސްކޫލް ކުދިން ހިމެނޭ ކަމަށް ފުލުހުންގެ ތަރުޖަމާނު ކަށަވަރު ކޮށްދީފައި ވެއެވެ.

ފެރީ ބަންޑުން ޖަހާލިއިރު އޭގައި 25 ނުވަތަ 35 މީހުން ތިބި ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"ކަނޑުގެ ސިފައިން 8 ޓީމަކުން ގެންދަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން. ފެރީ ބަންޑުން ޖަހާލީ ކީއްވެގެން ކަމެއް އަދި ޔަގީނެއްނޫން"
ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލްޑުވާ