ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގެންފިއެވެ.

މިއަދުގެ ވަގުތެއްގައި މިނިސްޓަރ މާރިޔާ ކޮޗިންއަށް ވަޑައިގެންފައިވާއިރު، މިނިސްޓަރަށް މަރުހަބާ ދަންނަވާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ރިއާ އެޑްމިރަލް ޓީވީއެން ޕްރަސާނާއެވެ.

މިދަތުރުފުޅުގައި މިނިސްޓަރ، އިންޑިއާގެ ނޭވަލް އެކަޑަމީން ބާއްވާ ޕާސިން އައުޓް ޕެރޭޑް ޝަރަފްވެރި ކޮށްދެއްވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

މިއާއެކު އެ ޕެރޭޑު ޝަރަފުވެރި ކޮށްދެއްވާ ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަށް މިނިސްޓަރ މާރިޔާ ވެވަޑައިގަންނަވާނެއެވެ.

މީޣެއިތުރުން، އިންޑިއާގެ ޑިފެންސްގެ ޓްރެއިނިން ފެސިލިޓީތަކަށް ޒިޔާރަތްކުރައްވައި، އެ ގައުމުގައި ޓްރެއިނިން ހަދަމުންދާ އެމްއެންޑީއެފްގެ އޮފިސަރުންނާ އެކަމަނާ ބައްދަލު ކުރައްވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރީން މިނިސްޓަރ ވަނީ އިންޑިއާއިން ރާއްޖެއަށް އަލަށް އައްޔަނުކުރި ސަފީރު މުނޫ މަހާވަރުއާ ބައްދަލު ކުރައްވާފައެވެ.

ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ވަނީ 2019 ވަނަ އަހަރުވެސް އިންޑިއާއަށް ވަޑައިގެންފައެވެ.

އެދަތުރުފުޅުގައި އެގައުމުގެ ޑިފެންސް މިނިސްޓަރާ މަޝްވަރާ ބައްދަލުވުމެއް ބާއްވައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އަސްކަރީ ގުޅުމުގެ ތެރެއިން ރާއްޖޭގައި ހަރުކުރުމަށް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކޯސްޓަލް ރާޑާ ސަވައިލަންސް ސިސްޓަމް (ސީއެސްއާރުއެސް) ހަރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.