މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ނުކޮށްފިނަމަ ކޮވިޑް-19 އަށްވުރެ ނުރައްކާތެރި ބަލިމަޑު ކަމަކަށް ގައުމު ހިނގައިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ނައިބު މުގައްރިރު އަބްދުލްމުޣުނީ ވިދާޅުވެއްޖެއެވެ.

"ޗޭންޖް އެންޑީއޭ"ގެ ނަމުގައި މަޖިލީހަށް ހުށަހެޅި ޕެޓިޝަން، ކޮމެޓީ އިން ނިންމާފައިވާއިރު ކޮމެޓީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މުހިއްމު ކަންތައްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓިޝަން ކޮމެޓީގެ ނައިބު މުގައްރިރު އަދި ގދ.ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް މިހާރުން މިހާރަށް ހައްލުނުކޮށްފިނަމަ ކޮވިޑަށް ވުރެ ނުރައްކާތެރި ބަލި މަޑުކަމަކަަށް ގައުމު ހިނގައިދާނެ ކަމަށެވެ.

ކޮމެޓީ ރިޕޯޓް އެކުލަވާލިއިރު ނޭޝަނަލް ޑްރަގް އެޖެންސީގެ ހާލަތާއި އެތަނުން ފަރުވާ ހޯދާ މީހުންނަށް ލެބޭ ފަރުވާގެ މިންވަރާއި އެކަމަށް މުއައްސަސާތަކުން އެއްބާރުލުން ލިބޭ މިންވަރުވެސް ފާހަގަކުރެވުނު ކަމަށްވެސް ނައިބު މުގައްރިރު ވިދާޅުވިއެވެ.

އެތަނުން ފެނުނީ ވަރަށް ހިތާމަވެރި މަންޒަރުތަކެއް. އަތޮޅު ތެރޭގައި ހުރި އެންޑީއޭގެ ބައެއް މަރުކަޒުތައް ހުރީ ފަޅަށް. އެއްވެސް ބޭނުމެއްނުކޮށް މުވައްޒަފުން ތިބެގެން ފަޅުވެފަ ހުރި މަންޒަރުވެސް އަޅުގަނޑުމެންނަށް ފެނުނު. މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ސޭފް ހައުސްއެއްގެ ގޮތުގަ ނޫނީ އެކަން ކުރުމަށް ހިތްވަރުދޭ މަރުކަޒެއްގެ ގތުގައިވެސް ބައެއްތަންތަން ފެނުނު. ބައެއް ކުދިން އެތަން އެބަ ބޭނުންކުރޭ ރަނގަޅަށް ނުނިދުނީމަ ނިދާލަަން ނޫނީ މަސްތުވާ އެއްޗެއް ބޭނުންކޮށްލުމަށް ނުވަތަ ސިކްވީމަ އެތަނަށް ވަދެ ފަރުވާއެއް ހޯދާފަ އަނެއްކާވެސް ބޭރަށް ނިކުމެވޭ ވަރުވީމަ ނިކުންނަށް. ވަދެފަ ނިކުމެފަ ހެދުމުގައި އެއްވެސް ހުރަހެއް ނެތް ތަނެއްގެ ގޮތުގައި ފާހަގަކުރެވުނު."
ޕެޓިޝަން ކޮމެޓީގެ ނައިބު މުގައްރިރު އަބްދުލްމުޣުނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕެޓިޝަން ކޮމެޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ ކޮމެޓީ ރިޕޯޓް އެކުލަވާލާފައިވަނި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންޑިއޭގެ ދަށުން ހިންގާ ހުރިހާ މަރުކަޒުތަކަކަށް ޒިޔާރަތްކޮށް އެ ސެންތަރުތަކުގައި ތިބި އިސްވެރިން އަދި އާންމު ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު އެއްކޮށްގެން ކަމަށެވެ.

އެއްކުރި މައުލޫމާތުން ރިޕޯޓު އެކުލަވާލުމުގައި ގާތްގަނޑަކަށް 259 ގަޑިއިރު އެވްރެޖްކޮށް ހޭދަކޮށްފައިވާނޭ. ޕެޓިޝަނަކީ ދިވެހިރާއްޖޭގައި އެއްވެސް ކޮންޓްރޯލެއްނެތި މަސްތުވާތަކެތި ފެތުރެމުންދާތީ މަޖިލީހަށް ހުށަހެޅި ޕެޓިޝަނެއް. ރާއްޖޭގައި ކޮންމެ 100 މީހުންގެ ތެރެއިން 57 މީހުންނަކީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ކޮންމެވެސް ގޮތަކަށް ޖެހިފައިވާ މީހުން ކަން އެ ޕެޓިޝަންގައި ފާހަގަކޮށްފައިވޭ."
ޕެޓިޝަން ކޮމެޓީގެ މުގައްރިރު އިބްރާހީމް ނަސީރު

ޕެޓިޝަން ކޮމެޓީން ވަނީ ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކޮށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެގޮތުން އެންޑީއޭއިން މިދިޔަ ފަސް އަހަރު ކޮށްފައިވާ މަސައްކަތުގެ ޕާފޯމެންސް އަދި ފައިނެންޝަލް އޮޑިޓެއް ހެދުމަށާއި އެންޑީއޭއާއި ޑްރަގް ކޯޓުގެ މަސައްކަތްތައް ލާމަރުކަޒު ކުރުމަށާއި ދިވެހި ކައުންސިލަރުން ބިނާކުރުމަށް ތައުލީމީ އޮނިގަނޑުގެ ތެރެއިން ހާއްސަ އިސްކަމެއް ދިނުމަށް ހިމަނާފައިވެއެވެ.