ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސެވި މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގެއް ދަމާ ރެޑް ޒޯނެއް ކަނޑައެޅުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ އެޑްވައިޒަރ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަތް ރޮނގެއް ދަމާ ރެޑް ޒޯނެއް ކަނޑައަޅާފައިވާއިރު، ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ފިޔަވައި އެ ސަރަހައްދުގެ އެއްވެސް ހިސާބެއްގައި އެއްވެސް އުޅަނދެއް، އެއްވެސް ބޭނުމެއްގައި މަޑުކުރުމަކީ މަނާކަމެކެވެ.

"ހުޅަނގުގެ މޮޅު ވާހަކަ ދައްކާ ރައީސް"ގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރައްވައި ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅަނގުގެ ގައުމު ތަކުގައި މުއްސަނދިންގެ ޓެކްސް ފައިސާއިން ފަގީރު ރައްޔިތުން ސަލާމަތްކުރާ ކަމަށާއި ނަމަވެސް ރާއްޖޭގައި ރައީސް ނަޝީދު ފަދަ މުއްސަނދިން ބަލަހައްޓަން ޖެހެނީ ނިކަމެތި ރައްޔިތުންގެ ފައިސާއިން ކަމަށެވެ.

އަދި މިވެރިކަމުގައި މުޅިންވެސް އޮތީ ވެރިންނަށް މޮޅުގޮތް ހޯދުންތޯ އައްސަވައި، ޑރ. ޖަމީލް ވަނީ ރައީސް ނަޝީދާއި ސުވާލު އަމާޒުކުރައްވާފައެވެ.

މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝިދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު، އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ވަނީ ދައުލަތުގެ ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ފާސްކޮށްފައެވެ.

މީގެއިތުރުން، ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ދައުލަތުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެއަށްފަހު މާލެ ވަޑައިގެން އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވުމަށް ދުވާލެއްގެ މައްޗަށް 33،000 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން މުސާރަ ލިބިވަޑައިގަންނަވާއިރު އެމަނިކުފާނުގެ ބޭސްފަރުވާ އާއި ދިރިއުޅުއްވުމުގެ ހަރަދާއި މި ހުރިހާ ކަންކަމެއް ރަތް ރޮނގުން މައްޗަށް އަރައިގެން ދިއުމަކީ ޚުދުމުޚުތާރު ސިފައެއް ކަމަށް ބުނެ ޑރ. ޖަމީލްގެ އިތުރުންވެސް ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޑރ. ޖަމީލް ވިދާޅުވީ މިއީ ރަދުންނާއި އާންމުންގެ ތަފާތު ދައްކާލުން ކަމަށާއި، މިރަދުން ބެލެހެއްޓުމުގެ ބުރަވެސް އުފުލަން ޖެހެނީ އާންމު ރައްޔިތުން ކަމަށެވެ.

ޑރ. ޖަމީލް ވަނީ މީގެކުރިންވެސް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށާއި، މުސާރަ ނަންގަވަނީ ލަދެއް ނެތުމުން ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.