ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި އަންގާރަ ދުވަހުގެރޭ މެންޗަސްޓަރ ޔުނައިޓެޑުން، އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުން ހިތްވަރުލިބި، ވިލަރެއާލް ބަލިކޮށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަހޯދައިފިއެވެ.

ވިލަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުން ޔުނައިޓެޑް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމ، އެހެންނަމަވެސް ވާދަވެރި މޮޅު ކުޅުމެކެވެ. ދެޓީމުންވެސް މިހާފުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ނުރައްކާތެރި ހަމަލާތަކެއްވެސް ވަނީ އުފައްދާފައެވެ.

މިހާފުގައި އެންމެ ފާހަގަކޮށްލެވުނީ މަނޫ ޓްރިގުއެރޯސް ފޮނުވާލި ނުރައްކާތެރި ހަމަލާއެވެ. އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާޅި ބާރު ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހިއާ އެވެ. މެޗުގައި ޑެހިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ދެވަނަ ހާފުގައިވެސް ޓްރިގުއެރޯސް ފޮނުވާލި ނުރައްކާތެރި ބާރު ހަމަލާއެއް، ޔުނައިޓެޑްގެ ކީޕަރު ޑެހިއާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮާށްފައެވެ. މެޗުން ޔުނައިޓެޑް މޮޅުވުމުގައި ޑެހިއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިން ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ވިލަރެއާލްގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން، ފްރެޑް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ޗިޕެއް، ވިލަރެއާލްގެ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މިހާތަނަށް ޔުނައިޓެޑުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 5 މެޗު ކުޅެފައިވާއިރު ރޮނާލްޑޯ ވަނީ މި ފަސްމެޗުގައިވެސް ލަނޑު ޖަހާފައެވެ. ހާއްސަކޮށް ޔުނައިޓެޑް ބަލިވާން ނުވަތަ އެއްވަރުވާންދާ ހާލަތްތަކުގައި އެޓީމު ސަލާމަތް ކޮށްދިނުމުގައި ރޮނާލްޑޯގެ ލަނޑުތައް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޔުނައިޓެޑުން ލީޑުފުޅާކުރީ މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. ކައުންޓަރ އެޓޭކަކުން ތަނަވަސްވި ފުރުސަތެއްގައި، ބްރޫނޯ ފެރްނާންޑޭޒް ދިން ޕާހަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ތަރި ޖޭޑަން ސަންޗޯ އެވެ.

މި މޮޅާއެކު ޔުނައިޓެޑަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. އެޓީމަށް ގްރޫޕް ސްޓޭޖުގައި އަދި ބާކީ އެއްމެޗުވެސް އެބައޮތެވެ. އެމެޗުގައި ޔުނައިޓެޑް ނުކުންނާނީ އެޓީމު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓެޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި، ޔަންގ ބޯއިސް އާއި ދެކޮޅަށެވެ.

މެޗުން ޔުނައިޓެޑް މޮޅުވިއިރު އެކުލަބުން ވަނީ މިމަހުގެ 21 ވަނަ ދުވަހު، އެޓީމުގެ ކޯޗުކަމުގެ މަގާމުން އޮލެ ގުނަ ސޯލްޝެއާ ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ލީގުގައި ޔުނައިޓެޑުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެހެންކަމުން ވަގުތީގޮތުން އައު ކޯޗެއް ހަމަޖެހެންދެން، ޔުނައިޓެޑުގެ އިންޓެރިމް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ މައިކަލް ކެރިކް އެވެ.