ޔޫއެފާ ޗެމްޕިއަންސްލީގުގައި އަންގާރަ ދުވަހުގެރޭ ޑައިނަމޯ ކީވް ބަލިކޮށް، ބަޔާން މިއުނިކުން މި ސީޒަނުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މެޗަކުން ބަލިނުވެ މޮޅުވުމުގެ ރެކޯޑް ދަމަހަށްޓައިފިއެވެ.
ކީވްގެ ދަނޑުގައި ކުޅުނު މިމެޗުން ބަޔާން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މޮޅަށް ކުޅެމުންދިޔަ ބަޔާނުން ވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ ލީޑުނަގާފައެވެ. މިހާފުގެ 14 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް، ރޮބާޓް ލެވަންޑޮސްކީ އެވެ. މިއީ އޭރިއާ ތެރެއަށް ދޫވި ބޯޅައެއް، އޯވާހެޑަކުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ ބަޔާނުން ޗެމްޕިއަންސްލީގުގައި އެންމެފަހުން ކުޅުނު 9 މެޗުގެ ތެރެއިން ލެވަންޑޮސްކީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މީގެއިތުރުން މިލަނޑާއެކު އުމުރުން 33 އަހަރުގެ ލެވަންޑޮސްކީ ވެގެންގޮސްފައިވަނީ ޗެމްޕިއަންސްލީގުގައި ދެފަހަރެއްގެ މަތިން ޖެހިޖެހިގެން 9 މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ބަޔާން އިން މެޗުގައި ލީޑުފުޅާކުރީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ކުރީ ސީޒަނުގެ ޗެމްޕިއަންސްލީގުގެ ފައިނަލުގައި ބަޔާން މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިން ކިންގްސްލީ ކޯމާން އެވެ.
މެޗުގައި ކީވް އިންޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނިސް ހަރްމާޝް އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސްލީގުގައި ޑައިނަމޯ ކީވް އިން މެޗެއްގައި ޖެހި ފުރަަތަމަ ލަނޑެވެ.
މެޗާއި ކުރިމަތިލިއިރުވެސް ބަޔާން އަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވާއިރު އެޓީމުން ވަނީ ކުޅުނު 5 މެޗުން 15 ޕޮއިންޓު ހޯދާފައެވެ. މެޗުން ބަލިވި ކީވް އަށް ފަސްމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.