ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ގްރޫޕް އީގައި ބެންފީކާ އާއި އެއްވަރުވެ، ޔޫރަޕު ފުޓުބޯޅައިގެ ގަދަބާރު ބާސެލޯނާއަށް މުބާރާތުގައި ކުރިއަށްދިއުމަށް ބޮޑު ޗެލެންޖަކާއި ކުރިމަތިވެއްޖެއެވެ.

ބާސާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެން އޮތީ ވަރުގަދަ ބަޔާން މިއުނިކާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. ބާސާއަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގައެއް ލިބެން އޮތީ ބަޔާން އަތުން މޮޅުވެގެން، އެހެންނޫނީ އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު މި ގުރޫޕުގެ ފުލުގައި އޮތް ޑައިނަމޯ ކީވް އަތުން ބެންފީކާ ބަލިވެގެންނެވެ. އެހެންނަމަވެސް މިހާތަނަށް މި ސީޒަނުގެ ޗެމްޕިއަސްލީގުގައި އަދި މޮޅެއް ހޯދިފައިނުވާ ކީވް އަތުން ބެންފީކާ ބަލިވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން ގާތްގަނޑަކަށް ބަޔާން އަތުން މޮޅުވުން ނޫންގޮތެއް ބާސާއަކަށް ނެތެވެ.

މިހާތަނަށް ބަޔާން އިން ގްރޫޕް ސްޓޭޖުގައި ފަސްމެޗު ކުޅެފައިވާއިރު ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ. އަދި ގްރޫޕް ސްޓޭޖުގައި މި ދެޓީމުން ކުޅުނު ފުރަތަމަ މެޗުން ބަޔާން ވަނީ 0-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ވަރުގަދަ ޗެލެންޖަކާއި ކުރިމަތިލާން ބާސާ ތައްޔާރުވަމުން އަންނައިރު، އަމިއްލަ ދަނޑުގައި ބާސާ ބެންފީކާ އާއި އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ކޮންމެ ޓީމަކުންވެސް އެއްފަހަރަށް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގައި ބެންފީކާ އަށް ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އޮޓަމެންޑީ އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވަން ނަމަވެސް، ކޯނަރު ފޮނުވާލިފަހުން ބޯޅަ ބޭރުވެފައިވާތިވެ ރެފްރީ މިލަނޑު ބަލައިގެންފައެއް ނުވެއެވެ.

މީގެއިތުރުން ދެވަނަ ހާފުގެ ފަހު 15 ވަރަކަށް މިނެޓުގައި ބާސާއިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއިރު، ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން އަރައުހޯ ވަނީ 83 ވަނަ މިނެޓުގައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އެހެންނަމަވެސް ބޯޅަ ލިބުނުއިރު އަރައުހޯ އޮފްސައިޑުގައި ހުރުމުން މިލަނޑުވެސް ރެފްރީ ބަލައިގެންފައެއް ނުވެއެވެ.

އަރައުހޯ ގޯލާއި ދިމާލަށް ބޯޅަ ފޮނުވާލަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

މުޅި މެޗުގައިވެސް ލަނޑެއްޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބެންފީކާގެ ސެފެރޮވިޗް އަށެވެ. އެގޮތުން މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި އޭރިއާ ތެރޭގައި ހުރެފައި ބާސާގެ ކީޕަރުވެސް ބީޓުކޮށްލުމަށްފަހު ސެފެރޮވިޗް ފޮނުވާލިބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.

މި ނަތީޖާއާއިއެކު މިވަގުތު ބާސާއަށް ކުޅުނު 5 މެޗުން ލިިބިފައިވާ 7 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ދެވަނައެވެ. އެއްވަނައިގައި ވަރުގަދަ ބަޔާން އޮތީ ހުރިހާ މެޗަކުން މޮޅުވެގެން 15 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ބެންފީކާ 5 ޕޮއިންޓާއެކު އޮތްއިރު ފުލުގައި ޑައިނަމޯ ކީވް އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.