ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން ރިޔާސަތުން އަންގާ އެނގުންތައް އިއުލާން ކުރައްވަމުން ރައީސް ނަޝިދު ވިދާޅުވީ އަމާޒަކީ އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ދިއުން ކަމަށެވެ.

ނަމަވެސް އެދުވަހަށް މަޖިލީހުގެ މަސައްކަތްތައް ނުނިމިއްޖެނަމަ، އަންގާރަ ދުވަހުވެސް ފަހު ޖަލްސާ ބާއްވަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަޅުގަނޑުމެން ހިންގަން ހުރި މަސައްކަތް ހިންގާ ނިންމުމަށް ތާވަލެއް އަޅުގަނޑު އެބަ ގެންގުޅެން. ނިންމުމަށް އަމާޒުހިފާފައިވާ މަސައްކަތްތަކުގެ ތެރޭގައި މަދަނީ އިޖުރާތުގެ ބިލު އެބަ ހިމެނޭ. މަދަނީ އިޖުރާތުގެ ބިލަކީ ވަރަށް ބޮޑު ބިލެއް. ލާމަރުކަޒީ ގާނޫނާއި ފުލުހުންގެ ގާނޫނާއި، މަސްވެރިކަމުގެ ގާނޫނުގެ އިތުރަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގާނޫނާއި މިބާވަތުގެ ބޮޑެތި ގާނޫނުތައް ފަދަ ބޮޑު ގާނޫނެއް މަދަނީ އިޖުރާތުގެ ގާނޫނަކީ. އޭގައި ތިންސަތޭކަ ހަތްދިހަ އަށްޑިހަ މާއްދާ ހިމެނޭ. އެއީ ވަރަށް ބޮޑު ފުރިހަމަ މަސައްކަތެއް."
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަދި އުންމީދު ކުރައްވަނީ މި ދައުރު ނިމުމުގެ ކުރީގައި މަދަނީ އިޖުރާތުގެ ބިލާއި ގުޅޭގޮތުން ގޮތެއް ނިންމިދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނާއި ގުޅިގެން ގާނޫނުތަކަށް ގެނައި އިސްލާހާއި ގުޅިގެން ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނަށާއި އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި މާލިއްޔާތު ގާނޫނަށް ގެނެވުނު އިސްލާހުތައްވެސް މިދައުރު ނިމުމުގެ ކުރިން ވޯޓަށް އަހައި ގޮތެއް ނިންމޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފަހު ދައުރުގައި ނިންމުމަށް އަމާޒު ހިފާފައިވާ މަސައްކަތްތަކުގެ ތެރޭގައި ޖިންސީ ކުށުގެ ގާނޫނަށް ގެނެވޭ ދެ އިސްލާހެއް ފާސްކުރުމާއި އެއްމެދު އިމާރާތުގެ ގާނޫނުގެ އިތުރަށް ޓްރާސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލުވެސް ހިމެނެއެވެ.