އަަރަބިއްޔާ ސްކޫލުން ދަރިވަރުން ނެރޭނީ ދަރިވަރުންނަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރ އަހުމަދު ހައިތަމް މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދު ކުރިއަށް ދިޔަ 2021 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި އޮތީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޢަލީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

އެ ގޮތުން، މެމްބަރު ހައިތަމް ވަނީ އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެެފައި ވާތީ އެ ކަމަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި އެ މިނިސްޓްރީ އާއި ސަރުކާރުން ވެސް ވަރަށް ކަންބޮޑުވާ ކަމަށާއި އެ ސްކޫލް ހުޅުވުނީ 2013ގައި ކަމަށެވެ. އެހެންކަމުން އެ ސްކޫލަށް އަދި މާ ގިނަ ދުވަސް ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

https://www.youtube.com/watch?v=cfe3A7POvKI

މިނިސްޓަރ ވަނީ ސްކޫލާ ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި މިނިސްޓްރީން މީގެ ކުރިން މީޑިއާތަކަށް ދިން މަޢުލޫމާތު ތަކުރާރުކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ، އެ ސްކޫލްގެ ހާލަތަު ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި ވަގުތުން ވަގުތަށް ކުރަންޖެހޭ މަރާމާތުތައް ދެނެގަތުމަށް ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް އިސްޕެކްޝަން ރިޕޯޓުން ދައްކާތީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްޓްރަކްޗަރަލް އެސެސްމަންޓް ފުރިހަމަ ކުރެވުމުން ވީހާ ވެސް އަވަހަކަށް މަރާމާތުގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަސައްކަތް ކުރަމުންދަނީ މި އަންނަ ސްކޫލް ބަންދުގައި އެ ތަނުގެ ބޮޑެތި މަރާމާތުތައް ފެށޭނެ ވަރުގެ ބާރު މިނެއްގައި ސްޓްރަކްޗަރަލް އެސެސްމަންޓް ކުރިއަށް ގެންދިއުމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ވަގުތު ސްކޫލް ހުރީ ދަރިވަރުންނަށް ގެއްލުންވާ ހާލަތުގައި ނޫން ކަމަށާއި، ދަރިވަރުންނަށް ނުރައްކާ ވާ ކަމަށް އެ މިނިސްޓްރީ އަށް ފެންނަ ހިސާބުން ދަރިވަރުން އެ ތަނުން ނެރުމުގެ މަަސައްކަތް ކުރައްވާނެ ކަމަށެވެ.

އެ ރިޕޯޓްގައި ފާހަގަކުރާ ގޮތުގައި އަދި އެއް ދަރިވަރުންނަކަށް ގެއްލުމެއް ނެތް، އެއީ އަޅުގަނޑުމެން ހަމަ ވަރަށް ކްލޯސްލީ މޮނިޓަރ ކުަރަމުން މި ދަނީ، ކިރިޔާ ވެސް ދަރިވަރުންނަށް ނުރައްކާވާކަން އަޅުގަނޑުމެންނަށް ހަމަ އެނގޭ ހާލަތުގައި އަޅުގަނޑުމެން ކުދިން އެ ތަނުން ނެރުމުގެ މަސައްކަތް ކުރަމުންގެންދާނެ، ދެ ވަނަ ކަމަކީ މި ސްޓްރަކްޗަރަލް އެސެސްމަންޓަށް ފަހު އަޅުގަނޑުމެންނަށް އެނގޭނެ މިހާރުން މިހާރަށް ވެސް އެ ތަނަށް ބޭނުންވާ މަރާމާތުތައް، އަޅުގަނޑުމެން މިހާރު ޕްލޭންކޮށްފައި އޮތީ މި އަންނަ ބަންދަށް އެ މަރާމާތުތައް ފެށޭނެ ވަރަށް ސްޓްރަކްޗަރަލް އެސެސްމަންޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ

މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް، އެ ތަން ހުރީ ވަަރަށް ބޮޑަށް ހަލާކުވެ ކިޔަވައިދޭން ރައްކާތެރި ނޫން ހާލަތެއްގައި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުން އަންނައިރު އެ ކަމުގެ ކަންބޮޑުވުން އެ ސްކޫލްގެ ބެލެނިވެރިން ވެސް މީސްމީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ.