ދިވެހި ލަވައަށް ލޯބި ކުރާ ގިނަ ބަޔެއްގެ ޝައުގުވެރިކަން ހުއްޓުނު އަދި މިހާރުވެސް ކޮންމެ ދޭދޭ މީހަކުވެސް ކިޔަމުން އަދި އަޑު އަހާމުންދާ ލަވައެއް ކަމުގައިވާ " ތީ ލޯބި ޖަވާހިރެކޭ " ގެ ފުލް ވާޝަން ވަރަށް އަވަހަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ބުނެފިއެވެ.

ޒުވާން ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު (އައްޔު) ގެ އަޑުން މަޝްހޫރު ވެގެންދިޔަ މި ލަވައިގެ ފުލް ވާޝަން ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. އަދި އައްޔު ވަނީ މި ލަވައިގެ ޓީޒާއެއް އޭނާގެ ސޯޝަލް މީޑިއާ ޕްލްޓްފޯމްތަކަށް ދޫކޮށްލާފައެވެ.

މި ލަވައިއާއި ގުޅޭގޮތުން ވީިނިއުސް އަށް މައުލޫމާތު ދެމުން އައްޔު ބުނީ ފުރަތަމަ ލަވަ ލިޔުނީ އަދި ކީވެސް ރަސްމީކޮށް ލަވަ ރިލީޒް ކުރަން ވިސްނާފައެއް ނޫން ކަމަށެވެ.

ފޮޓޯ: މާއިސް ޑޮޓް އެމްވީ

މި ލަވައިގެ ފުލް ވާޝަނެއް ނެރުމަށް ނިންމީ ގިނަ ބަޔެއްގެ އެދުމުގެ މަތިން ކަމަށާއި ކުރިން އާންމުންނަށް އަޑުއިވުނު ލަވައަށްވުރެ މިހާރު ނެރެން ތައްޔާރު ވަމުން އަންނަ ލަވައިގެ ލިރިކްސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށްވެސް އައްޔު ވަނީ ވީނިއުސްއަށް މައުލޫމާތު ދެމުން ބުނެފައެވެ.

ލަވަ ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށްވެސް އައްޔު ވަނީ ބުނެފައެވެ.

އައްޔު ބުނީ މިލަވަ ނެރެން ގަސްދުކޮށްފައިވަނީ ރާއްޖޭގެ އާއްމުކޮށް ކައިވެނިކޮށް އުޅޭ މޫސުމާއި ދިމާކޮށް ކަމަށެވެ. އެއީ މި ހިނގާ ނޮވެމްބަރ އަދި ޑިސެމްބަރު މަސް ކަންވެސް އައްޔު ފާހަގަކުރެއެވެ.

އަދި އެއީ ޚާއްސަކޮށް ޚިތާނީ މޫސުން އޮންނަނީ ޑިސެމްބަރު މަހު ކަމަށްވުމުން ލަވަ މިހާރަށް ވުރެ ބޮޑަށްވެސް މީހުންގެ ހިތްތަކުން ޖާގަ ހޯދާނެ ކަމަށް ބަލާފަ ކަމުގައިވެސް އައްޔު ބުނެއެވެ.

https://www.instagram.com/p/CWlC1kopU5s/?utm_medium=copy_link

އައްޔު ބުނީ މި ލަވައިގެ ފުރަތަމަ ނެރުމަށް ހަމަޖެހިފައި ވަނީ އޯޑިއޯ ވާޝަނެއް ކަމަށެވެ. އެހެން ނަމަވެސް ލަވައިގެ ވީޑީއޯ ވާރޝަނެއްވެސް ފޭނުންނާއި ހަމައަށް ވަރަށް އަވަހަށް ގެނެސްދޭން ގަސްދު ކުރާކަމަށެވެ.

"ތީ ލޯބި ޖަވާހިރެކޭ" ލަވައިގެ މިއުޒިކް ހަދާފައިވަނީ މަޝްހޫރު ކޮމްޕޯޒަރ ޝަހީދު ލެގަސީއެވެ. އައްޔުގެ ހިތްގައިމު އަޑުން އިވިގެންދާ މިލަވައިގެ ލިރިކްސް އަކީ އައްޔުގެ އަމިއްލަ ލިރިކްސްއެއް ކަމަށްވެސް އައްޔު ވަނީ ބުނެފައެވެ.

މި ލަވައިގެ ޓީޒާގެ ވީޑިއޯ ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ ރިވަރީ މީޑިއާއިން ކަމުގައިވެސް އައްޔު ބުނެއެވެ.

ރާއްޖޭގެ "ލަވް އެމްބްލަމް" އަށް ވެގެންގޮސްފައިވާ މި ލަވައަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓި އޮފީސްތަކުގެ މޭޒުތަކުންނާއި ކޮފީ ޝޮޕްތަކުގެ ހިތްގައިމު މާހައުލުންވެސް މިލަވަ އަންނަނީ ހުއްޓުމެއްނެތި އިވެމުންނެވެ.

ފޮޓޯ: މާއިސް ޑޮޓް އެމްވީ

އަދި މިފަހަކަށް އައިސް ބާއްވާ ގިނަ ކައިވެނި ހަފްލާ ތަކުގައި، ކައިވެނީގެ ދެ އަރޫޝުންނަށާއި ހަފްލާގައި ބައިވެރިވާ މެހެމާނުންނަށް ހަހުރަވެތި ހިތްގައިމު ލޯބި މިލަވަ އަންނަނީ ކުޅެދެމުންނެވެ.

މި ލަވައަކީ މަޝްހޫރު ހިންދީ ލަވަ " މޭ ރަންގ ޝަރްބަތޯކާ " ގެ ދިވެހި ވާޝަނެކެވެ. އެހެން ނަމަވެސް އައްޔުގެ ލަވައިގެ މިއުޒިކަށް ވަނީ ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އިން ބެލުންތެރިންނަށް އައްޔު ފެނުނުއިރު، ގިނަބައެއްގެ ލޮލުގައި އައްޔު އަޅައިގަތީ، "ތީ ލޯބި ޖަވާހިރެކޭ" މިލަވައިގެ ކުރު ވާޝަނެއް މީސްމީޑިއާއަށް ދޫކޮށްލި ހިސާބުންނެވެ. އައްޔު ބުނީ ލަވަ ކިޔުމަށް ފުރަތަމަ ޝައުޤުވެރިކަން ނުހުންނަ ކަމަށާއި އެހެންނަމަވެސް މޯލްޑިވިއަން އައިޑަލްގެ ސީޒަންގައި ބައިވެރިވުމަށް ފަހު އެކަމަށް ޝައުގު އުފެދުނީ ކަމަށެވެ.

ފޮޓޯ: މާއިސް ޑޮޓް އެމްވީ

އަދި ފަހުން ކުރީގެ ޓްރައިބް ބޭންޑްގެ ވޯކަލިސްޓް ޔާމިން (ވޮލެޓޭ) ދިން ފުރުސަތަކާއެކު އެބޭންޑުގައި ލަވަކިޔަން ފެށުނީ ކަމަށެވެ. އަދި މިފުރުސަތު އައްޔުއަށް ޔާމިން ދިންކަމަށްޓަކައި ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އޭގެ ފަހުން އެންމެ ބޮޑު ގޯލަކަށް ވީ ލަވަކިޔުން ކަމަށެވެ.

ދިވެހިންގެ ތެރޭގައި ޚާއްސަކޮށް ޒުވާން އަންހެން ކުދިންގެ މެދުގައި މަޝްހޫރުކަމާއި މަޤްބޫލުކަން ހޯދަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ އައްޔު ވަނީ މީގެ ކުރިންވެސް އާންމުންގެ މެދުގައި މަގުބޫލު ވެފައިވާ ކަވަރ ލަވަތަކެއް ނެރެފައެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ލަވައަކީ މިއަހަރުގެ އޯޓިޒަމަށް ހޭލުންތެރި ކުރުމުގެ ދުވަހު ރިލީޒްކުރި ބީވެދާނެބާ ލަވައެވެ.

ޒުވާން ހުނަވުރި ހިތްގައިމު އަޑުގެވެރި އައްޔު ވީނިއުސް އަށް ދިން އިންޓަރވިޔު ނިންމާލަމުން ބުނީ އައްޔު އުޅެނީ މީހަކާ އިނދެގެން ނޫން ކަމަށެވެ، އެހެން ނަމަވެސް ހުސްވެސް ނޫން ކަމަށެވެ.