ރާއްޖޭގެ ސްކޫލްތަކަށް ޕްރިންސިޕަލުން ނުލިބުމުގެ އެއް ސަބަބަކީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދު ކުރިއަށް ދިޔަ 2021 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި އޮތީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

މިނިސްޓަރ ވިދާޅުވީ، ޕްރިންސިޕަލުން ލިބުމުގައި ގިނަ ދަތިތަކެއް ހުރިކަމަށާއި، އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިނުލުމަކީ ދިމާވާ އެއް މައްސަލަ ކަމަށެވެ.

ޕްރިންސިޕަލުން ނުލިބުމުގެ އަނެއް ސަބަބެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމެވެ.

އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވިފަ އޮތްކަމެއް މިއީ، ސުކޫލުތައް ހިންގަން ރަނގަޅު ގާބިލު ބޭފުޅުން މި ދުވަސްވަރު ނުލިބޭކަން. ދެން އޭގެ އެއް މައްސަލަ އެއީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުން. އަޅުގަނޑަށް މިތަނުންވެސް ވަރަށް އެބަފެނޭ ހެޑްމާސްޓަރ ކޯސް ނުވަތަ ޕްރިންސިޕަލް ކޯސް ހައްދަވާފަ ތިއްބެވި ބޭފުޅުން މަޖިލީހުގަ ތިއްބަވާކަން، ކައުންސިލްތަކަށް ކުރިމަތި ލައްވާ. އެހެންވީމަ ސްކޫލްތަކުން އަޅުގަނޑުމެންނަށް މިފަދަ ބޭފުޅުން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވޭ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

މިމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގެ ޕްރިންސިޕަލްކަން ކުރައްވާ ބޭފުޅުންނަށް އެލަވަންސް ދެމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ރާއްޖެއިން ބޭރަށް އެންމެފަހުންވެސް ފޮނުވާފައި އޮތީ 2011 ވަނަ އަހަރު ކަމަށެވެ.

އަދި މިސަރުކާރުން، ޕްރިންސިޕަލުންގެ ގޮތުގައި ތަމްރީންވުމަށް ބޭނުންވާ ފަރާތްތަކަށް މެލޭޝިއާއިން ތައުލީމް ހާސިލު ކުރުމުގެ ފުރުސަތު ހޯދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.