ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ކުރިއަށް އޮތް ސީޒަނުގައި ފަށަން ތާވަލުކޮށްފައިވާ. ޕްރެޒިޑެންޓްސް ލީގުގެ ފޯމެޓަށް ބަދަލުގެނެސް މުބާރާތުގައި ފައިނަލް މެޗު ކުޅޭ ގޮތަށް ބަދަލުގެނެސްފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންމެފުރަތަމަ އެކުލަވާލި ކަލަންޑަރުގައިވާ ގޮތުން ޕްރެޒިޑެންޓްސް ލީގުގައި ފައިނަލެއް ނުކުޅޭނެ އެެވެ. އެ މުބާރާތް އޭރު ރޭވިފައި އޮތީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ކަމަށެވެ.

އެހެންނަމަވެސް އަންގާރަ ދުވަހު އެއިދާރާއިން މި ޝެޑިއުލް މުރާޖަޢާކުރުމަށްފަހު ނެރުނު އައު ޝެޑިއުލްގައިވާގޮތުން އަންނަ މަހު 19 ވަނަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ލީގު މިހާރު ކުރިއަށްދާނީ ފައިނަލް މެޗެއް ހިމެނޭ ގޮތަށެވެ. އެއީ ލީގު ބުރު ނިމޭއިރު، އެއް ވަނަ އާއި ދެ ވަނަ އަށް ދާ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ. ޕްރެޒިޑެންޓްސް ލީގުގެ ފައިނަލް މެޗު އޮންނާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ މިމުބާރާތުގައި އެންމެފަހުން 8 ޓީމު ހިމެނޭގޮތަށް ކުޅެފައިވަނީ 2015 ވަނަ އަހަރުއެވެ. އަދި މިއީ 2017 ވަނަ އަހަރަށްފަހު މި މުބާރާތް ބާއްވާ ފުރަތަމަފަހަރަށްވާއިރު، އެންމެފަހުން ޕްރެޒިޑެންޓްސް ކަޕުގެ ޓްރޮފީ އުފުލާލާފައިވަނީ ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު 15 ވަނަ ދުވަހު ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗުގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާ އެވެ.