މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް އިން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ބަދަލު ގެެނެސްފިއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުޤް އުސޫލުން ކަމަށާއި މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ) ގަތް އަގަށް ފައިދާއެއް ލުމަށް ފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެއް ކަމަށް އެ ބެންކުން ބުނެއެވެ.

މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ނަގުދު ފައިސާ ލިބި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ސަރަހައްދުގެ އިސްލާމިކް ބޭންކުތަކާއި އެއް ގޮތަށް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

މިއީ އިސްލާމިކް ފައިނޭންސިންގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދެވޭ ހިދުމަތެއް. އަދި މި ހިދުމަތް މެދުވެރިކޮށް މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ބޭނުންނަމަ ފައިސާ ނެގުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ."
ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަކީ މުސާރަ ލިބޭ ފަރާތްތަކާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމަޔަށް 15 އިންސައްތަ ރޭޓެއްގައި ދޫކުރާ ފައިނޭންސިންގ ފެސިލިޓީއެކެވެ. މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް 12 އިންސައްތަ ރޭޓެއްގައި ފައިނޭންސިންގ ދޫކުރާނެއެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.