ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ" ގެ އިތުރު ޕްރޮގްރާމު އަންނަ އަންގާރަ ދުވަހު ބޭއްވެވުމަށް ނިންމަވައިފިއެވެ.

މިއީ "އާސްކް ސްޕީކާ" ގެ ހަތަރުވަނަ ޕްރޮގްރާމެވެ.

މި ޕްރޮގްރާމް އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 21:00 ބޭއްވެވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފަވާއިރު މިފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އަދި ކްލަބް ހައުސް މެދުވެރިކޮށް ވަގުުތުން ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނޭ ކަމަށާއި މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން މަޖިލީހުގެ އިދާރާގެ ހޮޓްލައިން ނަންބަރު 7234566 އަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން، ކްލަބް ހައުސް މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ފަރާތެއްގެ ނަން އަދި ކްލަބް ހައުސް އެކައުންޓުގެ ނަން މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރަށް ފޮނުއްވުމަށް މަޖިލިސް އިދާރާއިން ވަނީ އެދިފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުމަށްވެސް އެ އިދާރާއިން އެދިފައިވެއެވެ.

"އާސްކް ސްޕީކަރ" ތިންވަނަ ޕްރޮގްރާމް ބޭއްވީ ޖުލައި މަހުގެ ފަސްވަނަ ދުވަހުއެވެ.