ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން 2022 ވަނަ އަހަރަށް ލަފާ ކުރާ ދައުުލަތުގެ ބަޖެޓް މިއަދު ފާސްކޮށްފިއެވެ.

"ބަޖެޓް 2022" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި އިއްޒަތްތެރި މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރުމާއި ދެކޮޅަށް 8 އިއްޒަތްތެރި މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް މެމްބަރުން ވޯޓު ދެއްވިގޮތް، ބަޖެތް ދިރާސާކުރި ކޮމިޓީން ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކޮށްފައިވާއިރު މިއިތުރު ކުރުމުގެ ސަބަބުން ބަޖެޓްގެ ޖުމުލަ އަދަދެއް މާބޮޑު ބަދަލެއް ނާދެއެވެ.

ކޮމިޓީން އިތުރު ކުރި އަދަދާއެކު، ބަޖެޓްގެ ޖުމުލަ ހަރަދު 34.10 ބިލިއަން ރުފިޔާ އަށް އަދި ޖުމުލަ ބަޖެޓް 36.99 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ. މިބަދަލު ފާސްކުރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ޓެކްސްގެ އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ބަޖެޓް، ދިރާސާކުރާ ކޮމިޓީއަށް ފޮނުވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި ވަނީ 16 ގަޑިއިރު ބަހުސްކޮށްފައެވެ.

މީގެ އިތުރުން، ބަޖެޓް ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރުމުގައި 5 ގަޑިއިރާ 25 މިނެޓް ހޭދަވި އިރު، 43 މެމްބަރުން ވާހަކަދެއްކެވިއެވެ.